އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެ އެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ރެފްރީ ވަނީ ތިން ރަތް ކާޑު ދައްކާފަ އެވެ. އޭގެ ތެރެއިން ދެ ކާޑު ދައްކާފައިވަނީ ޕެލަސް އަށެވެ.
މި މެޗުން މޮޅުވުމާއިއެކު ކްރިސްޓަލް ޕެލަސް އަށް ލިބިފައިވާ 43 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 11 ވަނަ މަގާމު ލިބިފަ އެވެ. އަދި ބްރައިޓަން އަށް ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނަ މަގާމުގަ އެވެ.
މި މެޗުގެ ތިންވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ ޝޯން-ފިލިޕް މަޓޭޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނިޓުގައި ބްރައިޓަންގެ ފޯވަޑް ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ކްރިސްޓަލް ޕެލަސް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޮލަމްބިއާގެ މިޑްފީލްޑަރ ޑެނިއަލް މުނޯޒް އެވެ.
މި މެޗުގެ 78 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ކްރިސްޓަލް ޕެލަސްގެ އެޑީ އެންކޭޓިއާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އޭނާއަށް ދެ ރީނދޫ ކާޑު ދައްކާ ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 10 މިނުޓުގެ ތެރޭގަ އެވެ.
އަދި މެޗުގެ 90 ވަނަ މިނިޓުގައި މާކް ގުއޭހީ އަށްވެސް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ.
މި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ބްރައިޓަންގެ ޖެންޕައުލް ވެން ހެކޭ އަށްވެސް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ އެންތޮނީ ޓޭލަރ ވަނީ ރަތް ކާޑު ދައްކާފަ އެވެ.