ޚަބަރު

މޮރީނިއޯ ތިން މެޗަށް ސަސްޕެންޑްކޮށްފި


ގަލަތަސަރާއީގެ ކޯޗު އޮކާން ބުރުކްގެ ނޭފަތުގައި ހިފި މައްސަލައިގައި ތުރުކީގެ ފެނަބާޗޭގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ތުރުކީ ކަޕްގައި ފެނަބާޗޭ އާއި ގަލަތަސަރާއީ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ފެނަބާޗޭ ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު މޮރީނިއޯ ބުރުކް އަށް ހަމަލާ ދީފައިވާކަމަށް ފެނަބާޗޭއިން ވަނީ ބުނެފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެ ކޯޗުންވެސް ވަނީ ދަނޑު މައްޗަށް އަރާ ރެފްރީންނާއި ސަލާމް ކޮށްފަ އެވެ. އަދި އޭގެ ފަހުން ފެނިގެން ދިޔައީ ގަލަތަސަރާއީގެ ކޯޗު ބުރުކް މޫނު މަތީގައި އަތް އަޅައިގެން ދަނޑު މައްޗަށް ވެއްޓުނު މަންޒަރެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބުރުކް ބުނެފައިވަނީ މޮރީނިއޯ އޭނާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށެވެ.

ބުރުކްގެ ފަހަތުން ގޮސް އޭނާގެ ނޭފަތުގައި މޮރީނިއޯ ހިފި މައްސަލައިގައި ތިން މެޗަށް މޮރީނިއޯ ސަސްޕެންޑް ކުރުމުގެ އިތުރުން ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މޮރީނިއޯ 5,955 ޕައުންޑުން ޖުރިމަނާކޮށްފަ އެވެ.

ނަމަވެސް ފެނަބާޗޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މެޗަށްފަހު މޮރީނިއޯ އަށް އަމާޒުކޮށް ބުރުކް ވަނީ އަތުން ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ދައްކާފައި ކަމަށެވެ. އަދި އެކަމުގެ ހިތްހަމަ ނުޖެހުމުގެ ތެރޭގައި މޮރީނިއޯ އޭނާގެ ނޭފަތުގައި ހިފި ކަމަށެވެ.

ޓުރުކިޔޭގެ ލީގުގެ މިދިޔަ ފެބްރުއަރީ މަހު މި ދެ ޓީމު ބައްދަލުކުރި މެޗަށްފަހު ގަލަތަސަރާއީގެ އޮފިޝަލުންނާއި ނަސްލީގޮތުން ދިމާކޮށްފައިވާކަމަށް ބުނެ މޮރީނިއޯ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށް 35,194 ޕޮއިންޑުން ޖުރިމަނާކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު މި ދެ ޓީމު ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ގަލަތަސަރާއީ އިން ވަނީ މޮރީނިއޯ އާއިދެކޮޅަށް ޖިނާއީ ދައުވު ކުރާނެ ކަމަށްވެސް ބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން ދެ ޓީމުގެ މެދުގައި އޮތް ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.