ޖުމްލަ 29 ޓީމާއެކު ޢީދު ބައިބަލާ ޗެލެންޖް 1446 ހުޅުމާލޭގައި މިރޭ ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭ ވަނީ ހަ މެޗެއް ކުޅެފައެވެ.
ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބާއި ޓީއެފްޓީއެވެ. ސީދާ ދެ ގޭމުން މި މެޗު ކާމިޔާބުކޮށް ޓީއެފްޓީން ވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަޓުވާލައި، މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ. މިރޭ ކުޅުނު ދެވަނަ މެޗުގައި ޓީއެފްޓީ ވަކަރުގެއިން ވަނީ ސީދާ ދެ ގޭމުން ދަ ބައުސް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ރަނަރަޕް ކުލަބު ކާސިންޖީ އާއި ކުލަބު އޯވަންއޯ އެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ކާސިންޖީން ވަނީ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ. އަދި މިރޭ ކުޅުނު ހަތަރުވަނަ މެޗުގައި ގަދަހިފުމަކުން ލިޓްލް ޓައުން ބަލިކޮށް ޖަނަވަރީމަގު ސްޕޯޓްސް ކުލަބުވެސް ވަނީ ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މި މުބާރާތުގައި މިރޭ ކުޅުނު ފަސްވަނަ މެޗުގައި ބީޖީ ނިއު ޖެނެރޭޝަނުން ވަނީ ގަދަ ހިފުމުގައި ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި ފަހު މެޗުގައި ސީދާ ދެ ގޭމުން ކާސިންޖާ ބަލިކޮށް އެލްޓީ ސްޕޯޓްސް ކުލަބު ވަނީ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ.
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.