ޚަބަރު

މި މަހުގެ ނުވަވަނަ ދުވަހު ވީއޭއެމް ކަޕުން ވޮލީގެ އަންހެން ސީޒަން ފަށަނީ


ވޮލީބޯލް އެސޯސިއޭޝަނުން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރު އަންހެން އަދި ފިރިހެން ލީގު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ވަކިން ކަމަށާއި، މި މަހުގެ ނުވަވަނަ ދުވަހު ވީއޭއެމް ކަޕުން އަންހެން ސީޒަން ފެށިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވޮލީ ސީޒަން ފެށުމާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ މި އަހަރު ވީއޭއެމް ކަޕުގައި ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 4 ޓީމެއް އަލަށް ކޮލިފައިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި އަހަރު އަލަށް ކޮލިފައިވި ޓީމުތަކަކީ ހުރާ ކޮމިއުނިޓީ ކުލަބާއި، ނައިފަރު ޖީޖީ ސްޕޯޓްސް ކުލަބާއި، ފްލެކްސާ ސްޕޯޓްސް ކުލަބު އަދި ސިޓީ ފްރެންޑްސް ކުލަބެވެ.

ވީއޭއެމް ކަޕް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. ވީއޭއެމް ކަޕް ނިމުމުން ރާއްޖޭގެ ގައުމީ ވޮލީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. ގައުމީ ވޮލީ ލީގަށްފަހު ދެން އޮންނާނީ ގައުމީ މުބާރާތެވެ.

ވޮލީގެ ގައުމީ މުބާރާތަށް ކޮލިފައިވާނީ އެންމެ ރޭންކިން ރަނގަޅު ހަތަރު ޓީމެވެ. ލަތީފް ވިދާޅުވީ މި އަހަރު ގައުމީ މުބާރާތުންވެސް ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ގައުމީ މުބާރާތަށް ހޮވޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރާނެ ކަމަށާއި، މިފަހަރު ރޭވިފައިވަނީ އެ ހަތަރު ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށް ކަމަށެވެ. އަދި ފައިނަލްގެ އަނެއް ޖާގަ ކަށަވަރުކުރާނީ ދެވަނަ އާއި ތިންވަނައަށް ދާ ދެ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަށްފަހު ކަމަށް ލަތީފް ވިދާޅުވިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ފަށާ ވީއޭއެމް ކަޕުގައި ބައިވެރިވާ ޓީމުތަކުން ވަރަށް ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށްގެންދާ ކަމަށްވެސް ވީއޭއެމްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ވޮލީބޯލް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ އަމާޒަކީ މި އަހަރު ވޮލީގެ ފޯރީ ރާއްޖޭގައި އިތުރުކޮށް، ސަރުކާރާ ގުޅިގެން އަތޮޅުތެރެ އާއި މާލޭގައިވެސް ވޮލީގެ ވަސީލަތްތައް އިތުރު ކުރުމެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ވޮލީން އިތުރު ވަނަތައް ހޯދުމެވެ.

މީގެ އިތުރުން ވޮލީގެ އައު ޒުވާން ޖީލެއް ބިނާކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭނެއެވެ. އެގޮތުން ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކަށް ބަޖެޓުން ވަނީ ބޮޑު އަދަދެއް ކަނޑައަޅާފައެވެ. މިއަހަރަށް ވީއޭއެމުން ފާސްކޮށްފައިވަނީ 43 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.