ޚަބަރު

ޢީދަށް ޚާއްސަކޮށްގެން ސްޕޯޓްސް ނޭޗަރއިން ބިލިއާޑް މުބާރާތެއް


ސްޕޯޓްސް ނޭޗަރގެ ފަރާތުން ފިތުރު ޢީދަށް ޚާއްސަކޮށްގެން ބާއްވާ އޯޕަން 9 ބޯލް ބިލިއާޑް މުބާރާތް ފަށައިފިއެވެ. ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ޑަބަލްސް އިވެންޓް ހިމެނޭ ގޮތަށް 64 ބައިވެރިންގެ މެދުގައި ކުރިއަށްދާ މުބާރާތެކެވެ. އޭގެތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނެއެވެ.

ސްޕޯޓްސް ނޭޗަރގެ އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދިން ގޮތުގައި މިއީ އެ ޖަމުއިއްޔާއިން ޕޫލް ބިލިއާޑް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި މިއީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމާއި، ޢީދު ފާހަގަކުރުމުގެ ގޮތުން ރޭވިގެން ކުރިއަށްދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުން އަށްވަނައާ ހަމައަށް ދާ ކުޅުންތެރިންނަށް ފައިސާގެ އިނާމު ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެއްވަނައަށް 3000 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ، ތިންވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަތަރުވަނަ އާއި ފަސްވަނައަށް 800 ރުފިޔާ އަދި ހަވަނަ، ހަތްވަނަ އަދި އަށްވަނައަށް ހޮވޭ ޕެއާއަކަށް 500 ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް ނޭޗަރއިން ބުނެއެވެ.

މި މުބާރާތް ކުރިއަށްދަނީ އަންގާރަ ދުވަހުގެރޭގެ ނިޔަލަށް މާލޭ ޕޫލް ބިލިއާޑް ހޯލުގައެވެ. ސްޕޯޓްސް ނޭޗަރ އަކީ ސްވިމިންގެ ހަރަކާތްތަކަށް ޚާއްސަ ޖަމުއިއްޔާއެކެވެ.