މި ނިމުނު މާރިޗު މަހު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ދަށްވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ނިމުނު މާރިޗު މަހު ފުލުހުންނަށް ޖުމްލަ 757 މައްސަލަ ހުށަހަޅާފައިވެއެވެ. މިދިޔަ ފެބުރުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 884 މައްސަލައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 1150 މައްސަލައެވެ.
މާރިޗު މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލައެވެ. މިގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 233 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މާރިޗު މަހު 2 ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 199 މައްސަލަ ހުށަހަޅާފައިވެއެވެ.
ވައްކަމުގެ މައްސަލަތަކަށްފަހު ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 123 މައްސަލަ ހުށަހަޅާފައިވެއެވެ.
• ޓްރެފިކް އެކްސިޑެންޓްތަކުގެ 233 މައްސަލަ
• ވައްކަމުގެ 199 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 123 މައްސަލަ
• އެއްޗެހި ގެއްލިގެން 51 މައްސަލަ
• މާރާމަރީގެ 38 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ
• ޚިޔާނަތުގެ 21 މައްސަލަ
• ފޭރުމުގެ 18 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 14 މައްސަލަ
• ގެވެށި އަނިޔާގެ 20 މައްސަލަ
• ފޯޖް ކުރުމުގެ 3 މައްސަލަ
ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށްށާއި، މަގުމަތީގެ ގަވައިދު ތަކައް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރު ކޮށް އިލްތިމާސް ކުރަމުންނެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.