ޚަބަރު

ޖެހިޖެހިގެން ހަތްވަނަ ސީޒަނުގައި އެވަޓަންއަށް ގެއްލުން


އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ އެވަޓަންއަށް ޖެހިޖެހިގެން ހަތް ސީޒަނުގައި ގެއްލުން ވެފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އެވަޓަން އިން ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާލީ އަހަރު ނިމުނުއިރު އެ ޓީމަށް ވަނީ ފަންސާށް ތިން މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފަ އެވެ. މި އަދަދަކީ 23-2022 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެ ޓީމަށް ލިބުނު ގެއްލުމުގެ އަދަދަކީ 89 މިލިއަން ޕައުންޑެވެ.

ފާއިތުވެދިޔަ ހަތް ސީޒަނުގައިވެސް އެ ޓީމަށް ގެއްލުން ވެފައިވާއިރު މި އަދަދު ޖުމްލަ 570 މިލިއަން ޕައުންޑަށް ވަނީ އަރާފަ އެވެ. ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ޖެހިޖެހިގެން ތިން ސީޒަނުގައި ކްލަބްތަކަށް ލިބޭ ގެއްލުމުގެ އަދަދު 187 މިލިއަން ޕައުންޑަށްވުރެ މައްޗަށް ގޮސްފިނަމަ އެ ޓީމަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. އަދި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ވަނީ އެވަޓަން އަތުން 8 ޕޮއިންޓް އުނިކޮށްފަ އެވެ.

އެވަޓަން އަށް މާލީ ގޮތުން ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އެ ޓީމުން ދަނީ ފަންސާސް ދެ ހާސް އަށް ސަތޭކަ އަށްޑިހަ އަށް މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް 26-2025 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެ ސްޓޭޑިއަމް ހުޅުވާނެ އެވެ. އަދި މިއާއިއެކު އެ ޓީމަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ އެވެ.

އެމެރިކާގެ މަހުޖަނުން ހިންގާ ކުންފުނި, ފްރެއިޑްކިން ގްރޫޕް އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު 400 މިލިއަން ޕައުންޑަށް އެވަޓަން ގަނެފަ އެވެ. އަށް އަހަރަށްފަހު ފަރްހާދު މޮޝީރީ އަތުން އެވަޓަން ގަނެ ގްރެއިޑްކިން ގްރޫޕް އިން ވަނީ އެ ޓީމުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ މިދިޔަ ޖެނުއަރީ މަހު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ޝޯން ޑައިޗް މަގާމުން ވަކިކުރުމަށްފަހު އެވަޓަންއަށް ކުރިން ކޯޗުކޮށްދިން ޑޭވިޑް މޯޔެސް ވަނީ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އަދި އެ ޓީމުން ވަނީ ރެލިގޭޝަންގެ ޒޯނުން ސަލާމަތްވެ ތާވަލުގެ 15 ވަނަ މަގާމް ހޯދާފަ އެވެ. ޕްރިމިއާ ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް ބަލިވައެއް ނުވެއެވެ.