ޚަބަރު

ޖިރޯނާ ބަލިކޮށް ބާސެލޯނާއަށް ތިން ޕޮއިންޓުގެ ލީޑެއް


ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ހޯދައިފިއެވެ. މި މެޗުން ބާސެލޯނާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 66 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 63 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ޖިރޯނާ އޮތީ ތާވަލުގެ 13 ވަނައިގައި 34 ޕޮއިންޓާއެކުއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ލަޑިސްލާވް ކްރެޖީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ޖިރޯނާގެ އާނައުޓް ދަންޖުމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 16 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި ލެވަންޑޯސްކީ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ލަލީގާގައި 25 ލަނޑު ޖަހާފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފެރާން ޓޮރޭޒް އެވެ.

މި މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު އެ ޓީމުން ވަނީ ލަލީގާގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް މޮޅުވެފަ އެވެ. އެ ޓީމުން ދެން އެންމެ އަވަހަށް ކުޅޭނީ އަންނަ ބުދަ ދުވަހު ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.