އިޓާލިއަން ލީގުގައި ރޭ ނާޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިވެއްޖެއެވެ. މި މެޗުން ނާޕޮލީ މޮޅުވެފައިވާއިރު، އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން 64 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމު ލިބިފައެވެ. އެއްވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. އަދި އޭސީ މިލާނަށް ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ނާޕޮލީގެ ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މަޓިއޯ ޕޮލިޓާނޯ އެވެ. އަދި އޭގެ 17 މިނިޓު ފަހުން ބިލީ ގިލްމޯ ދިން ޕާހަކުން ރޮމެލޫ ލުކަކޫ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނާޕޮލީން ވަނީ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ނަމަވެސް ދެވަނަ ހާފުގައި އޭސީ މިލާނުން ވަނީ މެޗު ކޮންޓްރޯލްކޮށް ނާޕޮލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ 69 ވަނަ މިނިޓުގައި ލަނޑެއް ޖެހުމަށް އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭސީ މިލާނަށް ލިބުނު ޕެނަލްޓީ ސެންޓިއާގޯ ހިމެނޭޒް ފޮނުވާލި ނަމަވެސް، ނާޕޮލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ ޕެނަލްޓީ މަތަކޮށްފައެވެ.
މި މެޗުގައި އޭސީ މިލާނުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 84 ވަނަ މިނިޓުގައި ލޫކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި ލަނޑަށްފަހުވެސް އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މީގެ އިތުރުން އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އިންޓަރ މިލާނުން ވަނީ ކާމިޔާބުކޮށްފައެވެ.