އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް އެކަމަށް ޚާއްސަ ޓީމެއް ރާއްޖެން ބޭރުން އަތުވެއްޖެއެވެ.
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަޚަމްވި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފައިވާކަމަށް މަޢުލޫމާތު ލިބިއެވެ. އެދެމީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ އެ ދެމީހުންނަސް ފަރުވާދިނުމަށްޓަކައި ބޭރުގެ 'ބާން ސްޕެޝަލިސްޓުން'ގެ ދެ ބޭފުޅަކު މިހާރު ރާއްޖެ އައިސްފައިވާކަމަށެވެ. އެ ޑޮކްޓަރުންގެ ޓީމުން މިހާރު ފަރުވާ ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ފިހިފައިވާ މިންވަރު ބޮޑުކަމުން އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފައެވެ. އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.