ޚަބަރު

ކަރަބާއޯ ކަޕުގެ ކާމިޔާބީ ނިއުކާސަލްއިން ފާހަގަކޮށްފި


އިނގިރޭސިވިލާތުގެ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުނުކުރެވި 70 އަހަރު ހޭދަކުރުމަށްފަހު، މި މަހު އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕް ކާމިޔާބުކުރުމަށްފަހު އެކަން ކުލަގަދަކޮށް ނިއުކާސަލްގެ މަގުތަކުގައި ފާހަގަކޮށްފިއެވެ.

ޕްރިމިއަރ ލީގުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ލިވަޕޫލް ބަލިކުރުމަށްފަހު ނިއުކާސަލްއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އިއްޔެ ވަނީ އެ ސިޓީގެ މަގުތަކުގައި ތައްޓާއެކު ޕެރޭޑެއް ބާއްވާފައެވެ.

ހުދާއި ކަޅުން ނިއުކާސަލްގެ މަގުތައް ފުރިފައިވާއިރު މަތި ހުޅުވާލާފައިވާ ދެ ބަހުގައި ނިއުކާސަލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ސަޕޯޓަރުންނާއެކު އެ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފައެވެ.

އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރޭގައި ސަޕޯޓަރުންނާއި ވާހަކަ ދައްކަމުން ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނެފައިވަނީ މިއީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި މި ކާމިޔާބީގައި ބައިވެރިވާ އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން އާދަޔާއި ޚިލާފު އުފާވެރިކަމެއް ފެންނަމުންދާ ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ވަގުތެއް އަދި ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނާއި އަހަރެންނަށް ދޭ ސަޕޯޓަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގޭ. އަދި މިފަދަ އުފާވެރިކަމެއް ކްލަބްގެ ސަޕޯޓަރުންނަށް ލިބުމުގެ ބައިވެރިއަކަށް ވީތީ އެކަމާ އުފާ ކުރަން." ހޯވް ބުންޏެވެ.

އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ނިއުކާސަލްގެ މި އުފަލުގައި ޖުމްލަ އެއް ލައްކަ ފަންސާސް ހާސް މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ނިއުކާސަލްގެ ލެޖެންޑް އެލަން ޝިއަރާ ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ ތެރޭގައި ޝިއަރާ ބުނެފައިވަނީ ފާއިތުވެދިޔަ ދެ ހަފްތާ އަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ.

ލިވަޕޫލް ކޮޅަށް ފައިނަލް މެޗުގައި ލަނޑު ޖެހި ޑޭން ބާރން ބުނެފައިވަނީ މިއީ އޭނާއަށް މުޅިން އައު ތަޖިރިބާއެއް ކަމުން ހަދާނެ ގޮތެއް އަދި ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ.