ސްޕެނިޝް ލީގުގައި ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ރެއާލް މެޑްރިޑް އެއްވަރުކޮށްފިއެވެ. ދެ ޓީމުގެ ފަރާތުވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލެގަނޭސްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން އާޑާ ގުލާއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ މިނިޓެއް ފަހުން ލެގަނޭސްގެ ޑިއެގޯ ގާސިއާ ވަނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލެގަނޭސްގެ ޑެނީ ރަބާ ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާދާ ގުލާ އާއި ބްރާހިމް ޑިއާޒްގެ ބަދަލުގައި ރޮޑްރިގޯ އާޢިއި ވިނިޝިއުސް ޖޫނިއާ ވަނީ ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑް މި މެޗުން މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްރޭން ގާސިއާގެ ޕާހަކުން ކިލިއަން އެމްބާޕޭ އެވެ. މިއީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި އޭނާ ރެއާލް މެޑްރިޑަށް ޖަހައިދިން 33 ވަނަ ލަނޑެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 63 ޕޮއިންޓު ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެގެން 28 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ. ބާސެލޯނާއަށް ފައިދާ 51 ގޯލު ލިބިފައިވާއިރު ރެއާލް މެޑްރިޑަށް ފައިދާ ގޮތުގައި ގޮތުގައި ޖެހިފައިވަނީ 33 ގޯލެވެ.