ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ.
މާލެ ސަރަހައްދުގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވަނީ 4 ސަރަހައްދެއްގައެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓްބޯޅަ ދަނޑު ސަރަހައްދާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައެވެ.
ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި ވަނީ ނަމާދުކޮށްފައެވެ. އެގޮތުން، ސިޓީތަކުގެ އަވަށްތަކާއި ރަށްތަކުގެ ޖާގަ ބޮޑު ސަރަހައްދުތަކުގައި ޢީދު ނަމާދުވަނީ ކޮށްފައެވެ.
މިއަދު މާލޭގައި ބޮޑުޖަމާޢަތުގައި ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މި ޖަމާޢަތުގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޢީދު ނަމާދު ރާއްޖޭގައި ކުރަނީ ހެނދުނު 7:00ގައެވެ. ކުރިން 7:30ގައި ނަމާދު ކުރި ނަމަވެސް ގަޑި މިދިޔަ އަހަރުން ފެށިގެން ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޢީދު ނަމާދާއެކު ޢީދުގެ ހަރަކާތްތައް މިވަނީ ފެށިފައެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްތަކުގައި ޢީދު ފާހަގަކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ރާވާފައެވެ.