ކުޅިވަރު

ރޮނާލްޑޯއާ ހަމަކޮށް، ޒަމަރާނޯ ފަހައި އެމްބާޕޭ ދުވަނީ


ފުރަތަމަ ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ވަރަށް ލަނޑު ޖެހުމަށްފަހު، ޗިލީގެ ފޯވާޑް އިވާން ޒަމަރާނޯ ފަހައި އެމްބާޕޭ ދުއްވައިގެންފިއެވެ.

ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ ސީޒަނުގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ޖަހާފައިވަނީ 33 ލަނޑެވެ. މި އަދަދަށް އެމްބާޕޭ ލަނޑު ޖެހީ ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 3-2 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ދެ ލަނޑު ޖައހައިގެންނެވެ. ފުރަތަމަ ސީޒަނުގައި މިއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ރެއާލްއަށް ކުޅުނު ޗިލީގެ ފޯވާޑް ޒަމަރާނޯ އެވެ. އޭނާ ޖަހާފައިވަނީ 37 ލަނޑެވެ. އޭނާ އަތުލަން އެމްބާޕޭއަށް މިހާރު މަދުވަނީ އެންމެ ހަތަރު ގޯލެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ލީޑު ހޯދައިދީފައިވަނިކޮށް ލެގަނޭސް ވަނީ ފަހަތުން އަރައި ލީޑު ހޯދާފައެވެ. ނަމަވެސް ޖޫޑް ބެލިންހަމް އެއްވަރުކޮށްދީފައިވަނިކޮށް އަނެއްކާވެސް ޓީމު މޮޅުކޮށްދީނީ އެމްބާޕޭއެވެ.

މެޗަށް ފަހު އޭނާ ބުނީ ރޮނާލްޑޯގެ އަދަދަކާ އަރާ ހަމަކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެއީ ވަރަށް ހާއްސަ ކަމެއް. އެންމެ މުހިންމު ކަމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމު މޮޅުކޮށްދޭން ކުރާ ކަންތައް އަމިއްލަ ކަންކަމަށްވުރެ. އެކަމަކު ރޮނާލްޑޯ ޖެހި އަދަދަށް ގޯލު ޖެހުމަކީ ވަރަށް ރަނގަޅު ކަމެއް. އަހަރުމެން އެންމެނަށް ވެސް އެނގޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކުލަބާއި އަހަރެންނަށް ވެސް ކިހާ ހާއްސަ މީހެއްކަން،" އެމްބާޕޭ ބުންޏެވެ.

ފްރާންސްގެ ކެޕްޓަން ބުނީ އޭނާ އަބަދުވެސް ރޮނާލްޑޯއާ ވާހަކަ ދައްކައި ހަދާ ކަމަށާއި، ސައުދީ ލީގުގައި އުމުރުން 40 އަހަރުގައިވެސް މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ ފަރާތުން އަބަދުވެސް ރަނގަޅު ޚިޔާލުތައް ލިބޭ ކަމަށެވެ.

"އޭނާ އަހަންނަށް އަބަދުވެސް ރަނގަޅު ހިޔާލުދޭ. އަހަރެންނަސް ގޯލު ޖެހުމުން އުފާވޭ. އެކަމަކު އަހަރުމެން އެންމެނަށް ވެސް އަހަރުމެން ބޭނުންވަނީ ތަށި ހޯދަންކަން. ޓީމު ރަނގަޅަށް ކުޅެކުޅެ ތިއްބައި މެދުކަނޑާލާފައި ގޮސް ގައުމީ ޓީމުގެ މެޗުތަކެއް ކުޅެފައި އައިސް އަނެއްކާ އެއް ފެންވަރެއްގައި ކުލަބުގައި ކުޅެގަތުމަކީ ފަސޭހަ ކަމެއްނޫން. އަހަރެން މިރޭ ޖެހި ގޯލަކީ ވަރަށް ބޮޑަށް ފަރިތަކޮށްގެން ޖެހި ގޯލެއް. އަހަރެންނަށް އެނގޭ ޖާގަ ލިބިއްޖެނަމަ އަހަރެންނަށް ދުރުން ގޯލު ޖެހޭނެކަން، ކޯޗިން ސްޓާފުންނާއެކު އަހަރުމެން އެކަންކަމަށް ވަރަށް ބޮޑަށް ފަރިތަކުރަން،" އެމްބާޕޭ ބުންޏެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ އެމްބާޕޭއަށް ތައުރީފު ކޮށްފައެވެ.

"އޭނާ އެ ދަނީ ވަރަށް މޮޅަށް ކުޅެމުން. އަހަރުމެންގެ ކުޅުމުގެ ސްޓައިލްގައި އޭނާ އެދަނީ ވަރަށް ހަރަކާތްތެރިވަމުން. މިހާރު އޭނާ ވަރަށް ފަރިތަވެއްޖެ އަހަރުމެންގެ ޕްލޭނަށް. އޭނާ އެދަނީ ތަފާތު ދައްކަމުން. އެއީ އަހަރުމެން އެންމެން ވެސް އޭނާގެ ފަރާތުން ބޭނުންވާ ކަންތައްތައް،" އެންޗެލޯޓީ ބުންޏެވެ.

މި މޮޅާއެކު ރެއާލް ވަނީ ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާ 63 ޕޮއިންޓާއެކު އެއްވަރުކޮށްފައެވެ. އެކަމަކު ބާސެލޯނާ ނުކުޅެ އަދި މެޗެއް އެބައޮތެވެ. މިރޭ ބާސެލޯނާ ވާދަކުރާނީ ޖިރޯނާއާއެވެ.