ޚަބަރު

ސާނޭގެ ދެ ލަނޑާއެކު ބަޔާން މިއުނިކަށް ހަ ޕޮއިންޓުގެ ލީޑެއް


ޖަރުމަން ލީގުގައި މިރޭ ސެއިންޓް ޕައުލީއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ބަޔާން މިއުނިކުން ހޯދައިފިއެވެ.

މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން ވަނީ 65 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ބަޔާ ލެވަކޫސަންއަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ބުންޑެސްލީގާގައި އޭނާ މި ސީޒަނުގައި ޖެހި 22 ވަނަ ލަނޑެވެ.

ނަމަވެސް އޭގެ 10 މިނިޓު ފަހުން ސެއިންޓް ޕައުލީގެ އެލިއަސް ސާދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު ދެވަނަ ހާފަށް ނިކުތްއިރު ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ގޮރެޓްޒްކާގެ ބަދަލުގައި ޖޮއާއޯ ޕަލީނިއާ ވަނީ ކުޅެން އަރުވާފަ އެވެ.

ބަޔާން މިއުނިކުން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 53 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން ޕާހަކުން ލެރޯއި ސާނޭ އެވެ. ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީވެސް އޮލިސޭގެ އެސިސްޓަކުން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

އަދި މެޗުގެ 71 ވަނަ މިނިޓުގައި ހެރީ ކޭންގެ އެސިސްޓަކުން ސާނޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ ލީގުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.

ސެއިން ޕައުލީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލާސް ރިޓްޒްކާ އެވެ.

ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން 34 ވަނަ ފަހަރަށް ހޯދަން މަސައްކަތް ކުރަމުންދާއިރު، އިންޓަރނޭޝަނަލް ބްރޭކްގައި އެ ޓީމުގެ ޑިފެންޑަރ އަލްފޮންސޯ ޑޭވީސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.