ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ފައިނަލަށް ފަތަހަ މޯލް އާއި ހިރާސާ ކެމިސްޓް ދަތުރުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުރިއަށްދިޔައިރު، ފުރަތަމަ މެޗުގައި ފްރެންޑްސް އޮފް މޯލްޑިވްސްއާ ބައްދަލުކޮށް ފަތަހަ މޯލް މޮޅުވީ ހަތް ވިކެޓުންއެވެ.
މި މެޗުގެ ގުރުދިމާވުމުން ފްރެންޑްސް އޮފް މޯލްޑިވްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 28 ލަނޑު ހެދި މަލިތެވެ. ޖަވާބުގައި ފަތަހަ މޯލް ކުޅެން އަރައި ހަވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 105 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސައިދުލް އިސްލާމް އާއި ސުހެލް މިއާއެވެ. މއިން ކޮންމެ ކުޅުންޔެރިއަކު ވަނީ 30 ލަނޑު ހަދާފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު ހިރާސާ ކެމިސްޓުން ކާމިޔާބުކުރީ ޔުނައިޓެޑް ފުޑް ސަޕްލައިސްއާ ވާދަކޮށް 50 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ހިރާސާއިން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 130 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 43 ލަނޑު ހެދި ސިމޮންއެވެ. ޖަވާބުގައި ޔުނައިޓެޑް ފުޑް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 25 ލަނޑު ހެދި ތިލަނަ ފެނާންޑޯއެވެ.
މި މުބާރާތުގެ ފައިނަލްގައި ފަތަހަ މޯލް އާއި ހިރާސާ ކެމިސްޓް ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފަވަނީ މާދަމާ ހަވީރެވެ.