ކަމާއި ނުގުޅޭ ފަރާތްތަކުން ރޯދައާއި، ޢީދު އިޢުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވެފައި މިވަނީ، ޝައްވާލު މަހުގެ ހަނދާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ރަޢުޔުތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ކަލަންޑަރުގައިވާ ގޮތުން ޝައްވާލު މަހުގެ 1 ނުވަތަ ފިޠުރު ޢީދު ދުވަހަށް ވަނީ މިމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިރޭ ހަނދު ސާބިތުވެއްޖެނަމަ، މާދަމާ ވާނީ ޢީދަށެވެ.
މިކަމުގައި މީސްމީޑިއާގައި ބައެއް ފަރާތްތަކުގެ ޚިޔާލުތަފާތުވެފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ތަރިހަނދާއި ގުޅިގެން ފަލަކީ ޢިލްމުގެ ދާއިރާގައި ޢިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާ ގޮތަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެކަމެއް ކަމަށެވެ.
ރާއްޖޭގެ ހަނދު ސާބިތު ކުރުމުގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް ކުރިއަށް ގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެއްވުމުގެ ދަށުންނެވެ. ވަޒީރު ވަނީ އެކަން މިއަހަރުވެސް އެގޮތުގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އިޢުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެކަމަކަށްވުމުން އެފަދަ ކަންކަމަށް ސަމާލުވުމަށް ވަޒީރު ޑރ.ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހަނދުބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބަލަން ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސްދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ވަނީ ހަމަޖައްސާފައެވެ.