ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ކެލާ ފަޅުގައި 2 ރިސޯޓު ތަރައްޤީކުރަން ބިން ކަނޑައެޅުމަށް ނިންމަވައިފި


  • 325.5 ހެކްޓަރު ބިން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ހއ. ކެލާގެ ފަޅުގައި 2 ރިސޯޓު ތަރައްޤީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ކެލާ ފަޅުގައި ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ބިން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ. މިގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ނެރުއްވި ޤަރާރުގައެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ކެލާ ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިވެރިކަމުގެ މަޝްރޫޢެއް ހިންގަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ ރައްޔިތުންގެ ޙާލު ބެލުމަށް އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކެލަޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ކެލާ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށެވެ. އެގޮތުން ކެލާގެ ފަޅުތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ކެލާގެ އިތުރުން، މި ސަރަޙައްދުގެ ޒުވާނުންނަށްވެސް މިކަމުގެ ސަބަބުން ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ.

މިހާރު އެ ރަށުގައި ފަށާފައިވާ ޓުއަރިޒަމް ޒޯންގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފަޅު ތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ބޮޑު އިސްކަމެއް ދޭނަން. އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް އެކަމަށް މަގުފަހިކޮށް، ޙަޤީޤަތަކަށްވާތަން ފެންނާނެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކެލާއަކީ ދަނޑުވެރިކަން ކުރާ ރައްޔިތުން އުޅޭ ރަށަކަށްވުމާއެކު ދަނޑުވެރިކަން ރަށުގައި ފުޅާކުރުމަށް ޕްރޮގްރާމެއް ހިންގަވައިދެއްވާނެކަމަށެވެ. ރާއްޖޭގައި ހެއްދޭ ބާވަތްތައް، ރާއްޖޭގައި ހައްދާ މިންވަރު އިތުރުކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އުފައްދާ ބާވަތްތައް، ރިސޯޓްތަކަށް ރަނގަޅު ސަޕްލައި އެއް ދެވޭ ވަރަށް ރަށްރަށުގައި އުފެއްދޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެއްކަށެވެ.

"ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި އުފައްދާ ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ގެންދަން ބޭނުން. މި ރަށް ވެގެންދާނެ އެކަމުގައި މުހިންމި ރަށަކަށް. އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް އެކަން އިސްކަންދޭ މަސައްކަތްތެއްގެ ގޮތުގައި މިރަށުގައި ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ކެލާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްވާ ވަނީ އެހެން ރަށްތަކޭ އެއްގޮތަށް، ކެލާގައިވެސް މަޑުޖެހިފާ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހއ. ކެލާގެ ފަޅުގައި 2 ރިސޯޓު ތަރައްޤީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ހއ. ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ކެލާ ކައުންސިލާއި ދެމެދު މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 3 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.