ޚަބަރު

މިޝާ، 10 އަހަރުގައި 3 ޢުމްރާކޮށް މިހާރު ޤުރުއާން ހިތުދަސްކުރަނީ


  • މިޝާ މިހާރު ވަނީ އައްމާފޮތް ހިތުދަސްކޮށްފައި

  • މިޝާ ދީނީ ކަންކަމުގައި އުޅެނީ އަމިއްލައަށް އިސްނަގައިގެން

ޑިސެމްބަރުގެ ޢުމްރާއާ ޚިލާފަށް ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަން އަދާކުރާ ކުޑަކުދިން ޖުމްލަކޮށް ވަރަށް މަދެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިރަމަޟާންމަހުގެ ފަހު 10ގެ އުމުރާގައި 10 އަހަރުން ދަށުގެ 7 ކުދިން ބައިވެރިވެއެވެ. މީގެތެރެއިން އެއް ކުއްޖަކީ ހއ.ހޯރަފުއްޓަށް އުފަން، 10 އަހަރުގެ މަރިޔަމް މިޝާ މުސްތަފާ އަލީއެވެ. މިޝާއަކީ އެއާއިލާގއި ތިބި ހަތަރު ކުދިންގެ ތެރެއިން ތެރެއިން އެންމެ ހަނގު ކުއްޖާއެވެ.

އަމިއްލައަށް ބޭނުންވެގެން މިޝާ ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް އައިސްފައިވަނީ މަންމަ، މުނީޒާ މުޙައްމަދާއި ބައްޕަ މުސްތަފާ އަލީއާއެކުއެވެ.

ރޯދައަށްހުރެ ގަދަ ހޫނުގައި އެތައް ލައްކަ ބައެއްގެ ތެރޭގައި، އެތައް ގަޑިއިރެއް ހޭދަކޮށް ފުރިހަމަ ޢުމްރާއެއް ބޮޑު މީހަކަށްވެސް އަދާކުރެވޭނީ ވަރަށް ކެތްތެރިވެގެންނެވެ.

މިޝާ ޢުމްރާގެ އަޅުކަމަށް އައިސްފަވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފަހު 15އަށް އައި 350 މީހުންގެ ގްރޫޕާއެކުއެވެ. މިގްރޫޕުން އައި މީހުން 3 ޢުމްރާ މިހާތަނަށް ފުރިހަމަކޮށްފައިވާއިރު، މިޝާވެސް ވަނީ 3 ޢުމްރާ ފުރިހަމަކޮށްފައެވެ.

މިޝާ ބުނީ ޢުމްރާގެ އަޅުކަން ފުރިހަމަކުރެވުނީ އެއްވެސް ވަރުބަލިކަމެއް އިހުސާސްކުރަން ނުޖެހިކަމަށެވެ. އެއީ ވަރަށް ކުރާ ހިތުން ކުރި އަޅުކަމެއްކަމަށެވެ. މިޝާ ބުނީ އެންމެ އުފާވީ ގެފުޅު ފެނުނު ވަގުތުކަމަށެވެ.

"ޢުމްރާ ކުރާނެ ގޮތް ދަސްކޮށްދިނީ މަންމަޔާއި ބައްޕަ. 3 ޢުމްރާ ކޮށްފިން. 4ވަނަ ޢުމްރާކުރާނީ ޠާއިފު ދަތުރަށް ފަހު. ރަށުގައި ރޯދައަށް ހުންނައިރު ވަރަށް ބުރަ، އުނދަގޫ، ވަރުބަލިވޭ. އެކަމަކު މި ބިމުގައި އެހެން ދިމާ ނުވޭ. ﷲގެ ކުޅަދުންވަންތަކަމުން، ރޯދައަށް ހުންނަހެންވެސް ހީނުވޭ." ޕީއެސްއެމްއަށް ދިން އިންޓަވިއުގައި މިޝާ ކިޔައިދިނެވެ.

މިޝާއަކީ ދީނަށް ލޯބިކުރާ އަދި އަމިއްލަ އިސްނެގުމުގައި ދީނީ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރާ ކުއްޖެކެވެ. އުމުރުން ދިހަ އަހަރުވިއިރު، މިޝާ ޚަތިމެއްކޮށްފައިވާއިރު، މިހާރު އެންމެ ބޭނުންވާ ކަމަކީ ޤުރުއާން ހިތުދަސްކުރުމެވެ. އެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި މިހާތަނަށް މިޝާ ވަނީ މުޅި އަންމާފޮތް ހިތުދަސްކޮށްފައެވެ.

"އައްމާފޮތުގެ ހުރިހާ ސޫރަތް ހިތު ދަސްކޮށްފިން. 1 މަސް ނެގީ ދަސްކުރަން. ޙަތިމުގެ ސޫރަތްތައް މިހާރު މި ދަސްކުރަނީ. ދުވާލު 30 މިނެޓު، ރޭގަނޑު 5 މިނެޓު ހިތުދަސްކުރަން ކިޔަވަނީ. ހީވަނީ 1 އަހަރުން ޚަތިމު ހިތުދަސްކުރެވޭނެހެން." މިޝާ ބުންޏެވެ.

މިޝާ ބުނީ ޤުރުއާން ހިތުދަސްކުރަން ޝައުގުވެރިވީ އެއީ އެކަމުގައި ވަރަށް ގިނަ ސަވާބާ ދަރުމަ ލިބޭތީކަމަށެވެ.

މިޝާގެ މަންމަ މުނީޒާ މުޙައްމަދު ބުނީ، ކިޔެވުމާއި، ޤުރުއާން ކިޔެވުމުގެ ކަންކަމަކީ މިޝާ އަމިއްލައަށް ފެނިގެން ކުރާ ކަންކަންކަމަށެވެ. އެކަމުގައި މީހަކު ބުނަން ނުޖެހޭކަމަށެވެ. ރީތިކޮށް ޤުރުއާން ކިޔެވުމަށް، މިޝާ މިހާރު ދަނީ ތަޖުވީދު ކްލާހެއްގައިވެސް ބައިވެރިވެ ދަސްކުރަމުންނެވެ.

"މިޝާއަކީ ވަރަށް ރަނގަޅު ބަސް އަހާ ކުއްޖެއް. އަމިއްލައަށް ފެނިގެން މިހުރިހާ ކަމެއް ކުރަނީ. އަޅުގަނޑުމެންވެސް އެހެންވެ ވަރަށް އެއްބާރުލުންދެން. އަޅުގަނޑު ހުރިހާ ބެލެނިވެރިންނަށްވެސް ބުނާނީ، ކުދިންނަށް މިކަހަލަ ފުރުޞަތުތައް ހޯދައިދޭށެ. މިއީހަމައެކަނި ބޮޑެތި މީހުންނަށް އޮތް ކަމެއް ނޫނޭ." މިޝާގެ މަންމަ މުނީޒާ ފާހަގަކުރިއެވެ.

މިޝާގެ މިޢުމްރާ ދަތުރުގައިވެސް ފެންނަނީ އަޅުކަމުގައި ވަރަށް ހީވާގިކޮށެވެ. ހުރިހާ ވަގުތެއް ހޭދަކުރަނީ ނަމާދާއި، ޤުރުއާން ކިޔެވުމާ ޒިކުރުކުރުމާއި ދުޢާ ކުރުމުގައެވެ. ހުރިހާ ނަމާދުތަކަށްވެސް ހަރަމަށް ދިއުމަށް މިޝާ ވަރަށް ލޯބިކުރެއެވެ.

"ހޭލަނީ ހާރުކާން. ދެން ދަނީ ފަތިހަށް ހަރަމަށް. ދެން އައިސް ޒިކުރުތައް ކިޔާފައި މެންދުރު ނަމާދުކޮށްފައި ދެން އަރާމުކޮށްލަނީ. ރޭގަނޑުވެސް ތަރާވީސް ނަމާދާއި ދަމު ނަމާދުގައިވެސް ނިމެންދެން ބައިވެރިވަން." މިޝާ ކިޔައިދިނެވެ.

މިޝާ ހުރިހާ ކުދިންނަށްވެސް ދޭން ބޭނުންވާ މެސެޖަކީ، އަމިއްލައަށް ބޭނުންވެގެން އަޅުކަމުގެ ކަންކަމުގައި ކުރިއަށް ދިއުމަށެވެ. އަދި މީހަކު ބުނަންދެން މަޑުނުކޮށް، އަމިއްލައަށް ކަންކަން އޮޅުފިލުވުމަށް ޝަޢުގުވެރިވުމަށެވެ.

މިޝާގެ އުއްމީދަކީ ގިނަގިނައިން މިމާތް ބިމަށް އައުމުގެ ފުރުޞަތު ލިބުމެވެ. އަދި އެންމެ ބޮޑު އުއްމީދުކަމަށްވާ ޙާފިޠކަށްވުމުގެ ހުވަފެން ޙަޤީގަތަކަށްވުމެވެ.