ފްރާންސްގެ މަޝްހޫރު ކުލަބު ޕީއެސްޖީ ހިންގަމުން އަންނަ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ސްޕެއިންގެ މަލާގާ ގަތުމުގެ މުއާމަލާތް ނިންމަން ފަށައިފިއެވެ.
ގަތަރު ސްޕޯޓްސް ކުލަބުން މިކަމުގައި މަޝްވަރާކުރަމުންދަނީ ބްލޫޖޭ ގްރޫޕާއި ގަތަރުގެ ވިޔަފާރި ވެރިޔާ އަބްދުﷲ ބިން ނަސީރު އަލްޘާނީއާއެވެ. މީގެ ތެރެއިން ބްލޫގޭ ގްރޫޕަކީ މަލާގާގެ 49 އިންސައްތަ ހިއްސާ އޮންނަ ބައެކެވެ. އަބްދުﷲ އަލްޘާނީގެ އަތުގައި އޮންނަނީ ބާކީ އޮތް 51 އިންސައްތަ ހިއްސާ އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުން މި ދެ ފަރާތާއެކު ކުރަމުންދާ މަޝްވަރާތައް ނިމި ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓަށް ކުލަބު ވިއްކާލުމަށް 100 މިލިޔަން ޔޫރޯ ހޭދަވާނެއެވެ.
ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުލަބުތައް ހިންގަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އެ ގޮތުން ޕީއެސްޖީގެ 87.5 އިންސައްތަ ހިއްސާ އޮންނަނީ އެ ގްރޫޕަށެވެ. އަދި ޕޯޗުގަލްގެ ބްރާގާގެ 21.67 އިންސައތަ ހިއްސާ އޮންނަނީވެސް އެ ގްރޫޕަށެވެ. މިހާރު އެ ގްރޫޕުން މަސައްކަތްކުރަމުން ދަނީ މަލާގާގެ ފުރިހަމަ ހިއްސާ ގަތުމަށެވެ.
މަލާގާ މިހާރު ކުޅެމުން އަންނަނީ ސްޕެއިނުގެ ދެވަނަ ޑިވިޝަނުގައެވެ. އެ ޑިވިޝަނުގައި އެ ކުލަބު މިވަގުތު އޮތީ 24 ކުލަބުގެ ތެރެއިން 15 ވަނައިގައިއެވެ. މަލާގާގެ މިހާރުގެ މެނޭޖުމަންޓުން އެ ކުލަބުން ހިންގަން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ.