ޚަބަރު

ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް ވަޤުފު ފަންޑުން އެހީ ފޯރުކޮށްދެނީ


  • ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވަނީ އެދިފައި

ޅ. ނައިފަރު ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް ވަޤުފު ފަނޑުން އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރެއްވުމަށް ވަނީ ނިންމާފައެވެ.

ޅ. ނައިފަރުގައި ޤާއިމްކުރާ ހިފްޡު ސެންޓަރަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށް ޤާއިމްކުރެވޭ ފުރަތަމަ ހިފްޠު ސެންޓަރެވެ. އެގޮތުން މި ސެންޓަރ ޤާއިމްކުރުމަށް މާލީ އެހީތެރިކަމަށް ވަނީ އެދިފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ވުޒާރާގައި އެދިފައިވާކަމަށެވެ. އެގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދިނިމަށް ނިންމާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިސްލާމީ މަރުކަޒު ޤާއިމްކޮށްފައި ނުވާ ރަށްރަށުގައިވެސް މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެ ވުޒާރާއިން ހުރިހާ ގޮތަކުން އެހީތެެރިކަން ފޯރުކޮށްދެއްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން ވަޞީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.