އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ބެލަރޫސް އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
މި މުބާރާތުގައި އެއްވަނައަށް ސީޑުކޮށްފައިވާ އަދި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އެރީނާ ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އިޓަލީގެ ޖޭސްމީން ޕައޮލީނީ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ހަވަނައަށް މި މުބާރާތުގައި ސީޑުކޮށްފައިވާ ޕައޮލީނީ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ މި މެޗުގެ ސެޓުތައް ސަބަލެންކާ ގެންގޮސްފައިވަނީ ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބު ކުރުމަށް ސަބަލެންކާ ހޭދަކޮށްފައިވަނީ 71 މިނިޓެވެ.
ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އޭނާ ވަނީ މިދިޔަ މަހު ނިމިގެންދިޔަ އިންޑިއަން ވެލްސްގެ ފައިނަލުގައި މިރާ އެންޑްރީވާ އަތުން ބަލިވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ފިލިޕީންސްގެ އެލެކްޒެންޑްރާ އެއާލާ އާއި ދެމެދު ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ.
މި މުބާރާތުގެ ފައިނަލުގެ ޖާގާއެއް ހޯދުމަށްފަހު ސަބަލެންކާ ބުނެފައިވަނީ މި މުބާރާތުގެ ފައިނަލުގެ ޖާގަ ލިބުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.
"އަނެއްކާވެސް އިތުރު ފައިނަލަކުން އިތުރު މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުމުން މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާ ވެފައި." ސަބަލެންކާ ބުންޏެވެ.
ސަބަލެންކާ އިތުރަށް ބުނެފައިވަނީ މި މެޗަށް ނިކުތްއިރުވެސް މިއީ ފަސޭހަ މެޗަކަށް ވާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވަނީ ބުނެފަ އެވެ.