ކުޅިވަރު

ވެޓެރަންސް ލީގު: ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން ހުޅުމާލެ ވެޓެރަންސްއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ފައިނަލް މެޗުގައި ވިލިމާލެ ޔުނައިޓެޑް ބަލިކޮށް، ހުޅުމާލެ ވެޓެރަންސްއިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ރިޝްވާން އަޙްމަދެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ހުޅުމާލެ ވެޓެރަންސްއިން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފަރުހާދު އިސްމާޢީލެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުޅުމާލެ ވެޓެރަންސްގެ ހުސައިން ޝިމާޒް (ކޮކީ) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ވިލިމާލެ ޔުނައިޓެޑުގެ މުޙައްމަދު ސިނާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ހުޅުމާލެ ވެޓެރަންސްގެ އަބްދުﷲ ޝިފާއުއެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބެވެ.

ވިލިމާލެ ބަލިކޮށް ހުޅުމާލެ ވެޓެރަންސްއިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ވެޓެރަންސް ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މި މުބާރާތް 2022 ވަނަ އަހަރާއި، 2023 ވަނަ އަހަރު އަދި މިދިޔަ އަހަރުވެސް ކާމިޔާބުކޮށްފައެވެ.