ޚަބަރު

ފީބާ އޭޝިއާ ކަޕް ކޮލިފައިން: ޕަޕުއާ ނިއު ގިނީ އަތުން ރާއްޖެއަށް 10 ޕޮއިންޓް


ޕަޕުއާ ނިއު ގިނީއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ މުޙައްމަދު ޚުވައިލިދު ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ފީބާ

ފީބާ 3 އޮން 3 އޭޝިއާ ކަޕު 2025 ގެ ކޮލިފައިންގައި މިއަދު ހެނދުނު ރާއްޖޭގެ ފިރިހެން ޓީމާ ދެކޮޅަށް ކުޅުނު މެޗު 16-10 ޕޮއިންޓުން ޕަޕުއާ ނިއު ގިނީން ކާމިޔާބުކޮށްފިއެވެ.

ފީބާ 3 އޮން 3 އޭޝިއާ ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ވާދަކުރާ ފިރިހެން ޓީމުގެ ކުޅުންތެރިންނަކީ މުޙައްމަދު ޚުވައިލިދު އަލީ އާއި، އިސްމާއިލް ވިލްދާން ޔޫސުފް އާއި، އަބްދުﷲ އަމްޒަރު މުޙައްމަދު އަދި މަފާޒް މުޙައްމަދެވެ.

ޕަޕުއާ ނިއު ގިނީއާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ މަފާޒް 6 ޕޮއިންޓް އަދި ޚުވައިލިދު އަލީ 3 ޕޮއިންޓް ހަމަކުރިއިރު، އަބްދުﷲ އަމްޒަރު މުޙައްމަދު ވަނީ އެއް ޕޮއިންޓް ހޯދައިދީފައެވެ. މީގެ އިތުރުން މިއަދު ރާއްޖޭގެ ފިރިހެން ޓީމު ވަނީ ކަޒަކިސްތާނާ ދެކޮޅަށްވެސް މެޗެއް ކުޅެފައެވެ. މި މެޗު 21-16 ޕޮއިންޓުން ކާމިޔާބުކުރީ ކަޒަކިސްތާނުންނެވެ.

މި މުބާރާތުގައި މިއަދު ހެނދުނު އަންހެން ޓީމުން ނިކުތީ އީރާނާ ދެކޮޅަށެވެ. އިރާނުން މި މެޗު ކާމިޔާބުކުރީ 21-1 ޕޮއިންޓުންނެވެ. މިމެޗުގައި ރާއްޖެއަށް ޕޮއިންޓެއް ހޯދައިދިނީ އައިޝަތު އިނާޝާއެވެ.

ފީބާ 3 އޮން 3 އޭޝިއާ ކަޕު 2025 ގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގެ ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި، ރައިފާ އިބްރާހީމް އާއި، ޒުހާ އަޝްރަފް އަދި އައިޝަތު އިނާޝާއެވެ.