ކުޅިވަރު

އުތުރު ކޮރެއާ އަތުން ހޯދި މޮޅާއެކު ޔޫއޭއީ ކޯޗަށް ގެއްލުނީ މަގާމު


ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ޓީމުގެ ކޯޗު ޕައުލޯ ބެންޓޯ މަގާމުން ވަކިކޮށްފިއެވެ. ޔޫއޭއީގެ ފުޓްބޯޅަ އިދާރާއިންވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، ބެންޓޯ މަގާމުން ވަކިކޮށްފަވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ކުއްލިގޮތަކަށް މަގާމުން ވަކިކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން އުތުރު ކޮރެއާގެ މައްޗަށް ޔޫއޭއީ މޮޅެއް ހޯދައި، ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދިޔަ މި މެޗު ޔޫއޭއީން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ޔޫއޭއީގެ ސުލްތާން އާދިލް ޖެހި ލަނޑާއެކު، ގްރޫޕް އޭގެ ދެވަނައިގައި އޮތް އުޒްބެކިސްތާނާއި ޔޫއޭއީއާ ދެމެދު އޮތް ފަރަގުވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ. ތިންވަނަ ބުރުގެ ކޮލިފައިންގައި މި މަހުގެ ފަސްވަނަ ދުވަހު މި ދެ ގައުމު އަލުން ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ޔޫއޭއީ ޓީމަށް ހެޑް ކޯޗަކު އަދި މިހާތަނަށް ހަމަޖެއްސި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ވޯލްޑް ކަޕުގެ ކޮލިފައިންގައި ވާދަކުރާ އޭޝިއާގެ ތިން ގްރޫޕުން ކުރެ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ސީދާ ޖާގަ ކަށަވަރުވެގެންދާނެއެވެ. ޔޫއޭއީއަށްވެސް މިފުރުސަތު ފަހިވެފައި ވަނިކޮށް، ކުއްލިގޮތަކަށް ޓީމު ދޫކޮށްލަން ބެންޓޯއަށް ޖެހުމަކީ ވަރަށް ދެރަކަމެއް ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ކޯޗު މަގާމުން ވަކިކުރިކަން ހާމަކުރަމުން ޔޫއޭއީގެ ފުޓްބޯޅަ އިދާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ޔޫއޭއީގެ ގައުމީ ޓީމަށް އިރުޝާދު ދެމުންއައި ޕޯޗުގީޒްގެ ކޯޗު ޕައުލޯ ބެންޓޯ އެ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. ބެންޓޯ އާއި ޔޫއޭއީގެ ފުޓްބޯޅަ އިދާރާއާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށްގެނެސްފައިވާއިރު، އޭނާގެ ދަށުން މަސައްކަތްކުރަމުންދިޔަ ކޯޗިން ސްޓާފުންވެސް ގައުމީ ޓީމުން ވަކިކޮށްފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ބައްރުގެ ގްރޫޕް އޭގައި ހިމެނޭ އީރާނުން ވަނީ ދާދިފަހުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ހޯދުމަށް ޔޫއޭއީއަށް އޮތީ ކުރު ރާސްތާއެކެވެ. އެގޮތުން ޔޫއޭއީއަށް ވޯލްޑްކަޕުގެ ސީދާ ޖާގަ ލިބޭކަން ކަށަވަރުވެގެންދާނީ ކުރިއަށް އޮތް އުޒްބެކިސްތާން މެޗާއި، އޭގެ ފަސް ދުވަސް ފަހުން ކިރްގިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.