ޚަބަރު

ޒުވާނުން ދުންފަތާ ދުރުކުރަން ފިޔަވަޅުތަކެއް އަޅާނަން: ރައީސް


  • "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަނީ އަލަށް އެކަަމަށް ވަންނަ ކުދިން ސަލާމަތް ކުރުމަށް

  • ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅަމުންދާ ފިޔަވަޅުތަކެއް

ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި ކުރިއަށްއޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ދުންފަތާ ދެކޮޅަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އާންމު ސިއްޙަތުގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުންދާނެކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ޖެނެރޭޝަން ބޭން" ނުވަތަ ޖީލުތަކަށް ހާއްސަކޮށްގެން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަންނަ ކުދީން، އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށްކަމަށެވެ.

"ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެއް." ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަމުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އަދި އިމްޕޯޓް ޤާނޫނަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން، ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރިކުރުން ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ވޭޕްގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުމާއި ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.