ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހުއެންގް-މިން ޝަކުވާ ކުރުމުން އެ ގައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ފުޓްބޯޅަ ދަނޑުތަކުގެ ވިނަގަނޑު ޓެސްޓުކުރަން ނިންމައިފިއެވެ.
ސޮން ޝަކުވާ ކުރީ ކޮރެޔޭ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުނުވެ ދިއުމުންނެވެ. މީގެ ތެރޭގައި ވޯލްޑްކަޕް ކޮލިފައިންފައި އޮމާނާއި ޖޯޑަންއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުތައް ވެސް ހިމެނެ އެވެ. މި ދެ މެޗުން މޮޅުވިނަމަ ކޮރެޔާ މިހާރު ވާނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ.
މި މެޗުތަކުން މޮޅުނުވި ނަމަވެސް ކޮރެޔާ އޮތީ ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނާގަ އެވެ. އެއީ ތިން ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ.
"ދަނޑުތަކުގެ ހާލަތަކީ ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރު ކުރާނެ ކަންތައްތަކެއް. އަދި މިއީ ސަޕޯޓަރުންގެ ހިތްހަމަޖެހުމާ ވެސް ގުޅުން ހުރި ކަމެއް. އަހަރުމެން މި ދަނީ ކޭ ލީގާ ގުޅިގެން ދަނޑުތަކުގެ ހާލަތު ބަލަން ފަށަން. ހާއްސަކޮށް ދަނޑުތަކުގެ ޕިޗްތަކުގެ ހާލަތު ދެނެގަންނާނެ،" ދެކުނު ކޮރެޔާގެ ސްޕޯޓްސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ސޮން އަކީ އިނގިރޭސިވިލާތުގައި ކުޅޭ ކުޅުންތެރިއެކެވެ. ނަމަވެސް ކޮރެޔާގެ މީޑިޔާތަކުން ބުނަނީ ކޭ ލީގުގައި ކުޅޭ ކުޅުންތެރިން ވެސް ކޮރެޔާގެ ދަނޑުތަކުގެ ހާލަތި ގޯސްވާހަކަ ދައްކާފައިވާ ކަމަށެވެ. މިހެންވެ މިނިސްޓްރީން މިހާރު ނިންމާފައިވަނީ އެ ގައުމުގެ ކޭ ލީގުގެ މެޗުތައް ކުޅޭ 27 ސްޓޭޑިއަމުގެ ހާލަތު ދެނެގަނެ އަޅަންޖެހެ ފިޔަވަޅުތައް އެޅުމަށެވެ.
ދެކުނު ކޮރެޔާއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތް ކުރަމުންދަނީ ވިދިވިދިގެން 11 ވަނަ ފަހަރަށް ވޯލްޑްކަޕުން ޖާގަ ހޯދުމަށެވެ.