ކުޅިވަރު

ސާންތީ ނިޔާވުމުން ވަރަށް ދެރަވެއްޖެ: ކޯޗު ޔަންކޭ


ގާތް ރަހުމަތްތެރިޔާ އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވުމުން ވަރަށް ދެރަވެއްޖެ ކަމަށް އެކުގައި މަސައްކަތްކުރި ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭޒް ބުނެފިއެވެ.

ޔަންކޭޒަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިން ކޯޗެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އަދި އޭނާ ވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރިހިމެޑަލް ވެސް ހޯދައިދީފަ އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ހުރި ހުރިހާ އަހަރެއްގައި ވެސް އެސިސްޓެންޓް ކޯޗަކީ ސާންތީ އެވެ.

"އިހުސާން ނިޔާވި ހަބަރު ލިބުމުން އަހަރެން ވަރަށް ދެރަވެއްޖެ. ތި ހަބަރާއެކު އަހަރެންނަށް ކުރެވުނީ ވަރަށް ފުން އިހުސާސެއް. އޭނާ އަށް ވަރަށް ރަނގަޅު މީހެއް،" ސްލޮވާކިޔާގައި ހުރެ ވާހަކަ ދައްކަމުން ޔަންކޭ ބުންޏެވެ.

ކޯޗު ބުނީ ސާންތީގެ ހިދުމަތް ދިވެހި ފުޓްބޯޅައިގައި އަބަދުވެސް ދެމި ހުންނާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.

"އޭނާގެ ހިދުމަތް އޮތީ ހަމައެކަނި ފުޓްބޯޅަ ދަނޑުމަތީގައި އެކަންޏެއްނޫން. އިހުސާނަކީ އެންމެން އެކުވެރިކުރުވައި ހެދި މީހެއް. މޮޅު ހުނަރުވެރި ކުޅުންތެރިން ހޯދައި އެ ހުނަރު ތަރައްގީ ކުރުމުގައި ވަރަށް މޮޅު މީހެއް. އެކަމަށް ވަރަށް އިސްކަންދިން މީހެއް. އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އޭނާގެ ކޮމިޓްމަންޓް މިކަމަށް އޮތް ވަރު. އޭނާގެ ހިދުމަތް ދިވެހި ފުޓްބޯޅައިން ފޮހެވިނުދާނެ،" ކޯޗު ބުންޏެވެ.

ޔަންކޭޒް ބުނީ ސާންތީ ދަންނަ ކޮންމެ މީހަކު ވެސް އޭނާ ފުޓްބޯޅަ އަށް ކުރި ހިދުމަތް އެގޮތުގައި ކުރިއަރުވައި ތަރައްގީ ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.

"އަހަރެންގެ މަސައްކަތުގައި ވަރަށް ބޮޑަށް އެހީތެރިވެދިން މީހެއް އިހުސާނަކީ. އަހަރެން ގައުމީ ޓީމުގައި ހުރި ދެ ފަހަރު ވެސް ކާމިޔާބު ލިބުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑު. އޭނާ އަކީ ގަޑިއަށް ވަރަށް ފަރުވާތެރިވާ މީހެއް. އަދި މަސައްކަތުގައި ވަރަށް ކަމޭހިތައިގެން ޝައުގުވެރިކަމާއެކު މަސައްކަތް ކުރި މީހެއް. އަހަރެން ކަމަކަށް ބުނެފިނަމަ އެކަމެއް އޭނާ އަށްވީ އެންމެ ރަނގަޅަށްކަށް ކުރަން ފަހެއް ނުޖެހި މަސައްކަތް ކުރި މީހެއް،" ޔަންކޭޒް ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާއި އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރި އަދި އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީ އެތައް ކުޅުންތެރިންނަށް އުފެއްދި ކޯޗު ސާންތީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެވެ. އޭނާގެ ޖަނާޒާ ބޭއްވީ އާދިއްތަ ދުވަހު މެންދުރު ފަހު އެވެ. މި ޖަނާޒާގައި ކުޅިވަރުގެ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވި އެވެ. އަދި ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފަ އެވެ.