ފީބާ 3 އޮން 3 އޭޝިއާ ކަޕް 2025 ގެ ކޮލިފައިންގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.
ސިންގަޕޫރުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން އަންހެން ޓީމު ބަލިވީ ކަޒަކިސްތާން އަތުންނެވެ. މިއަދު ހެނދުނު ކުޅުނު މި މެޗު ކަޒަކިސްތާނުން ކާމިޔާބުކުރީ 21-2 ޕޮއިންޓުންނެވެ. މި މެޗުން 19 ޕޮއިންޓުން ކަޒަކިސްތާން ކުރި ހޯދިއިރު، މިއަދު ހަވީރު ރާއްޖޭގެ އަންހެން ޓީމު ބައްދަލުކުރީ ވިއެޓްނާމާއެވެ. މި މެޗު ވިއެޓްނާމުން ކާމިޔާބު ކުރީ 21-8 ޕޮއިންޓުންނެވެ.
ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގެ ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ އަބުދުލް ބާރީ އާއި، ރައިފާ އިބްރާހީމް އާއި، ޒުހާ އަޝްރަފް އަދި އައިޝަތު އިނާޝާއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ފިރިހެނުންގެ މެޗުތަކުގެ ތެރެއިން ރާއްޖެއިން ނިކުތީ އީރާންއާ ދެކޮޅަށެވެ. 12 ޕޮއިންޓުގެ ފަރަގަކާއެކު މި މެޗު ކާމިޔާބުކުރީ އީރާނުންނެވެ. މެޗު ނިމިގެން ދިޔައީ 21-9 ޕޮއިންޓުންނެވެ.
ފީބާ 3 އޮން 3 އޭޝިއާ ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ވާދަކުރާ ފިރިހެން ޓީމުގެ ކުޅުންތެރިންނަކީ މުޙައްމަދު ޚުވައިލިދު އަލީ އާއި، އިސްމާއިލް ވިލްދާން ޔޫސުފް އާއި، އަބްދުﷲ އަމްޒަރު މުޙައްމަދު އަދި މަފާޒް މުޙައްމަދެވެ.
މި މުބާރާތުގައި މާދަމާވެސް ރާއްޖޭގެ މެޗުތަކެއް އޮންނާނެއެވެ. އެގޮތުން މާދަމާ ހެނދުނު ރާއްޖޭގެ އަންހެން ޓީމު ނިކުންނާނީ އީރާނާ ދެކޮޅަށެވެ. އަދި މާދަމާ ހެނދުނު ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ ޕަޕުއާ ނިއުގިނީއާ ދެކޮޅަށެވެ. ހަވީރު ފިރިހެން ޓީމު ބައްދަލުކުރާނީ ކަޒަކިސްތާނާއެވެ.