ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ, ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީއަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތުން އެ ދެ މީހުން ސަލާމަތްވެއްޖެއެވެ.
ސްވިޒަލޭންޑްގެ ކޯޓަކަށް ދެ މީހުން ހާޒިރު ކޮށްފައިވަނީ ސްވިޒަލޭންޑްގެ ދަށު ކޯޓަކުން އެ ދެ މީހުންނާއި ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކެއް ހަތް އަހަރު ވަންދެން ބެލުމަށްފަހު އެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ކޯޓުން ހުކުމް ކުރިތާ ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހުގަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ އިދާރާ ކަމުގައިވާ ފީފާ އާއި ޔޫއެފާގެ ދެ ރައީސުންނާއި ދެކޮޅަށް ބަލަމުންދާ މައްސަލައަކީ ފީފާގެ ރައީސް ސެޕް ބްލެޓާ، ޕްލެޓިނީއަށް ދީފައިވާ 2.22 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ މައްސަލަ އެކެވެ.
ދަށު ކޯޓުން އެ މައްސަލައިގައި ގޯހެއް ނެތް ކަމަށާއި އެ މުއާމަލާތް ހިނގާފައިވަނީ އުސޫލުގެ ތެރެއިން ކަމަށާއި އެކަމުގެ ހުރިހާ ލިޔެކިއުމެއް ފެންނަ ހުރި ކަމަށް ނިންމި ނަމަވެސް އެ މައްސަލަ ވަނީ މަތީ ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. އަދި އިއްޔެ މައްސަލައިގެ ހުކުމް ކުރިއިރު މި މކަމުގައި ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތްކަމަށްވަނީ ނިންމާފަ އެވެ.
މި މައްސަލަ ނިމުމުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބްލެޓާ ބުނެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު މައްސަލަ ނިމުމުން ހިތްހަމަޖެހޭ ކަމަށާއި މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މިއަދު ކޯޓުން މި ވަނީ އަހަރެންނާއި އަހަރެންގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނަށް އިންސާފު ލިބިފައި. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އުމުރުން 89 އަހަރުގެ ބްލެޓާ ބުންޏެވެ.
މި މައްސަލަ ބޮޑު ވެގެންދިޔައީ 2015 ވަނަ އަހަރު ފީފާގެ ރައީސް ކަމުގެ މަގާމުން 17 އަހަރަށް ފަހު ސެޕް ބްލެޓާ އިސްތިއުފާ ދިނުމާއެކު އެ މަގާމަށް ޕްލެޓިނީ ވާދަކުރާނެ ކަމަށް ބެލެވުނު ހިސާބުންނެވެ. ބްލެޓަރ ފީފާގެ ރައީސް ކަމުން އޭރު އިސްތިއުފާ ދީފައިވަނީ އޭނާ އާއިމެދު ކުރެވުނު ކޮރަޕްޝަނުގެ އިތުރު ތުހުމަތުތަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަޑުގަދަވެގެން ދިޔައީ ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.
އަދި އޭރު މި މައްސަލަ އާއި ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީ އިން ވަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ފަހުން އެ އަދަބު ވަނީ ކުޑަކޮށްފަ އެވެ.
ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރ އިން މި މައްސަލައިގައި އެދިފައިވަނީ ބްލެޓާ އާއި ޕްލެޓިނީ އަށް 20 މަސް ދުވަހުގެ ހުކުމަކާއި އެކު 2 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.