1446 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޒަކާތު ހައުސްއިން ވަނީ އެކި ގޮތްގޮތުން ފިޠުރު ޒަކާާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އެގޮތުން، އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭއިރު ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތްކޮށްގެންވެސް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 (ހަތް މިލިޔަން ހަ ލައްކަ ތިރީސް ދެ ހާސް ދުއިސައްތަ ސާދަ ރުފިޔާ) ވަނީ ބަލައިގެންފައެވެ. މިއީ ފާއިތުވެދިޔަ 4 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
* 2024 - 4.6 މިލިޔަން ރުފިޔާ
* 2023 - 4.6 މިލިޔަން ރުފިޔާ
* 2022 - 3.7 މިލިޔަން ރުފިޔާ
* 2021 - 3.1 މިލިޔަން ރުފިޔާ
ޒަކާތު ހައުސްއިން ވިދާޅުވީ، ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެއެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެއެވެ.
* ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
* އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
* މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
* ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
* ފަހިޕޭ (އެޕްލިކޭޝަން)
* ބަނޑޭރި ޕޭ
ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ވިދާޅުވެފައެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މިމަހުގެ 22 އިން ފެށިގެން 27 ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލުގައި ކުރިއަށްދާނެއެވެ.
* އާދައިގެ ހަނޑޫ: 12 ރުފިޔާ
* ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
* ރަތް ހަނޑޫ: 86 ރުފިޔާ
* ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
* ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
* އާދައިގެ ފުށް: 10 ރުފިޔާ
* އާޓާ ފުށް: 75 ރުފިޔާ
ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.