އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ކުޅޭ މެޗުގައި ކޮންމެހެންވެސް ރާއްޖެ ބަލިކުރަންޖެހޭ ކަމަށާއި، އަދި އެއީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ފިލިޕީންސްގެ ކޯޗު ސްޕެއިންގެ އަލްބާޓް ކަޕެއްޔާސް ހާމްސް ބުނެފިއެވެ.
މި މެޗާ ގުޅޭ ގޮތުން ކޯޗު ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ފިލިޕީންސް ޓީމަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއާ ވާދަކުރަންޖެހުމެވެ. އެހެންކަމުން ފިލިޕީންސް ޓީމުގެ އަމާޒަށް ވާސިލުވުމަށް ރާއްޖޭގެ މައްޗަށް ކޮންމެހެންވެސް ކުރިހޯދަން ޖެހޭނެކަމަށް ކަޕެއްޔާސް ވަނީ ބުނެފައެވެ.
ސްޕެއިނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ކަޕެއްޔާސްއަކީ ކޯޗިން ދާއިރާގައި މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ކޯޗެކެވެ. ކަޕެއްޔާސްގެ އިރުޝާދުގެ ދަށުން ތަމްރީނުވެފައިވާ ޓީމުތަކުގެ ތެރޭގައި ޑެންމާކުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އޭނާވަނީ ޖަރުމަންގެ މަޝްހޫރު ޓީމު ބޮރޫޝިއާ ޑޯޓްމުންޑަށް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދީފައެވެ. 2014 ވަނަ އަހަރު އެސިސްޓަންޓް ކޯޗެއްގެ ހައިސިއްޔަތުން އޭނާ ފިލިޕީންސް ޓީމާ ހަވާލުވެ، ހޯދި ކާމިޔާބީގެ ސަބަބުން އެއަހަރު މެލޭޝިޔާގައި ކުރިއަށްދިޔަ މެރްޑޭކާ ކަޕަށްފަހު ފިލިޕީންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އޭނާ ހަމަޖެއްސިއެވެ.
ރާއްޖެ އަދި ފިލިޕީންސް މީގެ ކުރިން ބައްދަލުކޮށްފައިވާ މެޗުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި ދެ ޓީމު ވަނީ ވާދަކޮށްފައެވެ. އެމެޗުގައި ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެ ފަހަރު ވަނީ އެއްވަރުވެފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައިވެސް ރާއްޖެ އަދި ފިލިޕީންސް ވަނީ ވާދަކޮށްފައެވެ. ގަލޮޅު ދަނޑުގައި މި މުބާރާތް ކުޅެފައިވާއިރު، ގައުމީ ޓީމުން އެއަހަރު ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރާ މެޗު ތާވަލުކޮށްފަވަނީ މާދަމާ ހަވީރު 16:00 އަށެވެ. ފިލިޕީންސްގައި ކުޅޭ މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.