ޚަބަރު

ސާންތީ ކޯޗުގެ ޖަނާޒާ ބާއްވައިފި


  • އިސްލާމީ މަރުކަޒުގައި ޖަނާޒާ ބޭއްވުމަށްފަހު ވަޅުލާފައި ވަނީ އާ ސަހަރާގައި

  • އުމުރުން 51 އަހަރުގައި ސާންތީ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް

ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިޙްސާން އަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ ބާއްވައިފިއެވެ.

މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޖަނާޒާ ބޭއްވުމަށްފަހު ވަޅުލާފައި ވަނީ އާ ސަހަރާގައެވެ. ސާންތީގެ ޖަނާޒާގައި ދައުލަތުގެ އިސްވެރިންނާއި، ދިވެހި ކުޅިވަރު އާއިލާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކުޅިވަރު ދާއިރާގެ ގިނަ ބަޔަކާއި، ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނާއި، ޓީމުތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރަހުމަތްތެރިންވެސް ޖަނާޒާގައި ބައިވެރިވިއެވެ.

އުމުރުން 51 އަހަރުގައި ކޯޗު އިޙްސާން އަބްދުލްޣަނީ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހާލުދެރަވެ އައިސީޔޫގައި ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެރެއެވެ.

އޭނާއަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސާންތީއަކީ ކޯޗިންގެ ދާއިރާގެ ދުވަސްވީ ތަޖުރިބާކާރެކެވެ. ޚާއްސަކޮށް އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށްޓައި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކުރެއްވި ކާމިޔާބު ކޯޗު ސާންތީއަކީ އެންމެ ފުރަތަމަ ފުޓްބޯޅައިން ބައިނަލްއަގްވާމީ ތައްޓެއް ރާއްޖެއަށް ހޯދައިދިން ޓީމުގެ އިސް މެންބަރެކެވެ. އެއީ 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިން އޭރުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ.

އޭނާ އެންމެ ފުރަތަމަ ޤައުމީ ޓީމާ ގުޅުނީ 2001 ވަނަ އަހަރެވެ. އެއަށްފަހު 2008 ވަނަ އަހަރާއި ހަމައަށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ދެން މަސައްކަތް ކުރެއްވީ ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީގެ އިސް ކޯޗިން ސްޓާފުންގެ ތެރެއިންނެވެ. ސާންތީ ކޯޗު ވަނީ އީގަލްސްއަށް ޤައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑައިރެކްޓަރުކަންވެސް އަދާކުރެއްވި ސާންތީ ވަނީ ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން ޒުވާނުންގެ ޤައުމީ އިނާމް ހާޞިލުކުރައްވާފައެވެ.