ފިތުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށްޓަކައި ބޭނުންވާ ލައިޓުތައް މާދަމާއިން ފެށިގެން ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް ސިޓީތަކާއި އިދާރީދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޢީދު ފާހަގަކުރުމަށްޓަކައި "ޢީދު އަލި" ގެ ނަމުގައި ރާއްޖޭގެ ރަށްތައް ދިއްލުމުގެ ހަރަކާތް ފެށީ މިދިޔަ އަހަރުއެވެ. އެގޮތުން، މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައެވެ. ނަމަވެސް މިއަހަރު އިތުރު ބައެއް ރަށްތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
"ޢީދު އަލި" ހަރަކާތުގެ ތެރެއިން މާލެ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން، މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ދަނީ ހަރުކުރަމުންނެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.
މިދިޔަ އަހަރު ފެށި މި ހަރަކާތުގައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތައްވެސް ދިއްލާފައިވާއިރު ބަޖެޓު ތަންދޭވަރަކުން ކޮންމެ އަހަރަކުވެސް އިތުރު ރަށްތައް ދިއްލާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ވަނީ ނިންމަވާފައެވެ.
• ހއ. ހޯރަފުށި - އިހަވަންދޫ
• ހދ. ނޮޅިވަރަމް - ހަނިމާދޫ
• ށ. މިލަންދޫ - ފޯކައިދޫ
• ނ. ވެލިދޫ - ހޮޅުދޫ
• ރ. އަލިފުށި - ދުވާފަރު
• ބ. ތުޅާދޫ - ހިތާދޫ
• ޅ. ހިންނަވަރު - ކުރެންދޫ
• ކ. ކާށިދޫ - މާފުށި
• އއ. ތޮއްޑޫ - އުކުޅަސް
• އދ. މާމިގިލި - އޮމަދޫ
• ވ. ކެޔޮދޫ - ފުލިދޫ
• މ. މުލައް - ކޮޅުފުށި
• ފ. ބިލެއްދޫ - ފީއަލި
• ދ. މީދޫ - މާއެނބޫދޫ
• ތ. ތިމަރަފުށި - ވިލުފުށި
• ލ. ގަން - މާވަށް
• ގއ. ދާންދޫ - ގެމަނަފުށި
• ގދ. ގައްދޫ - މަޑަވެލި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ރަށްތައް ދިއްލަން ބޭނުންވާ ސާމާނު މާދަމާއިން ފެށިގެން ފޮނުވަން ފަށާނެކަމަށެވެ. ރަށްރަށަށް ސާމާނު ގެންދިއުމުގެ މަސައްކަތް ކުރަމުންދާނީ ސްޓެލްކޯއިން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޢީދަށް ރަށްތައް ދިއްލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މި މަހުގެ 29ވަނަ ދުވަހުގެ ރޭގައެވެ. އެ ދުވަހަށް ހުރިހާ ރަށަކަށް ސާމާނު ގެންގޮސް ހުރިހާ ރަށެއްވެސް ދިއްލާލެވޭނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޢީދުގެ ޢަލީގެ އިތުރުން މިދިޔަ އަހަރު ޢީދު އަލި ދިއްލި ރަށްރަށުގައި ވަނީ ތަކުބީރުގެ އަޑުވެސް އިއްވާފައެވެ. ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. މިކަންވެސް އެންމެ ފުރަތަމަ ފެއްޓެވީ މާލޭ މޭޔަރުކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނަވައިގެންނެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.