ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފާއިތުވީއިރު، ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާރކެޓިންގެ ޕްލޭނެއްވެސް އެކުލަވާލުވުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރައްވާނެ ކަންކަންވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހާމަކުރެއްވިކަން ފަތުރުވެރިކަމާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރިސޯޓްތައް އެންމެ މަދުން ހުރި އަތޮޅުތަކަށް އަމާޒުކޮށް އެ އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހދ. އަތޮޅާއި ތ. އަތޮޅުގައިވެސް މިވަގުތު ހިނގަމުންދަނީ އެންމެ ރިސޯޓެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ދެ އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހުން ހުޅުވާލާނެކަމަށެވެ.
"ހދ އަތޮޅުގައި ޓުއަރިޒަމް އޮތީ އެންމެ ރަށެއް. އެހެން މަދުން ހުރި އަތޮޅުތަކުގައި އިތުރަށް އަލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން މިދަނީ. އަދި ހަމަ އެގޮތައް ތ. އަތޮޅުގައިވެސް އޮތީ އެންމެ ރިސޯޓެއް . އެގޮތުން ތ. އަތޮޅުވެސް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ވަރަށް އަވަހަށް މި އަންނަ މަސް ތެރޭގައި ހުޅުވާލާނަން" ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އެތޮޅުތަކުގެ ތެރެއިން ހުޅުވިގެން ދިޔުމަކީ އިތުރު އިންވެސްޓަރުން އަންނާނެ ކަމެއްކަމަށެވެ. އަދި އެއަތޮޅުތަކުގައި އިތުރު ރިސޯޓްތައް ހެދިގެން ދިޔުމަކީ ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިވެ އިގްތިޞާދީ ހަރަކާތްތައް އިތުރުވުމާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ވެގެން ދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ އަލަށް އިސްލާހު ގެނެވުނު ޓޫރިޒަމް ގާނޫނަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓޫރިޒަމްގެ ޤާނޫނަށް އަލަށް ގެނައި އިޞްލާހު ވެގެންދާނީ ޓޫއަރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެޅޭ އިތުރުބާރަކައްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.