އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ހޯދައިފި އެވެ.
ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ބެލަރޫސްގެ ސަބަލެންކާ މި މުބާާތުގެ ގަދަ 16 ގެ ޖާގައެއް ހޯދާފައިވަނީ ރުމޭނިޔާގެ އެލޭނާ ގެބްރިއޭލާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ހައެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރި ފަހުން އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗު ދޫކޮށްލުމުންނެވެ.
ނިމިގެންދިޔަ އިންޑިއަން ވެލްސްގެ ފައިނަލުން ބަލިވި މެޗަށްފަހު މި މުބާރާތާއި ސަބަލެންކާ ކުރިމަތިލާފައިވަނީ މުޅިން އައު ހިތްވަރަކާއެކު މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ.
މި މުބާރާތުގެ ގަދަ 16 ގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޑެނިއޭލް ކޮލިންސް އާއި ސްވިޒަލޭންޑްގެ ރެބޭކާ މަސަރޯވާ އާއި ދެމެދު ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާއި ދެކޮޅަށެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގެ ގަދަ 16 ގެ ޖާގަ ހޯދާފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި ނައޮމީ އޮސާކާ އާއި އިޓަލީގެ ޖޭސްމީން ޕައުލީނީގެ އިތުރުން ކޮކޯ ގައުފް ހިމެނެ އެވެ.
ނައޯމީ އޮސާކާ ކުރި ހޯދާފައިވަނީ އެމެރިކާގެ ހެއިލީ ބަޕްޓިސްޓޭ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހަތެއް ހައެއް, ތިނެއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި ހަވަނަ އަށް ސީޑު ކޮށްފައިވާ ޖޭސްމީން ޕައޮލީނީ އަށް ގަދަ 16 ގެ ޖާގައެއް ލިބިފައިވަނީ އޮންސް ޖެބޫ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު 4-3 ގެ ނަތީޖާގައި އޮއްވާ ޖެބޫ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މެޗު ދޫކޮށްލުމުންނެވެ.
އަދި ތިންވަނައަށް ސީޑު ކޮށްފައިވާ ކޮކޯ ގައުފް ވަނީ ގްރީސްގެ މާރިޔާ ސަކާރީ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ދޭއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.