ކުޅިވަރު

"ރަމަޟާން ކްރިކެޓް ކާނިވަލްގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވޭ"


  • މި އަހަރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލަކީ ސީބީއެމްއިން ބާއްވާ 33 ވަނަ މުބާރާތެވެ. މި އަހަރު އޯޕަން މުބާރާތާއި އޮފީސް މުބާރާތަށްވެސް ތަރުހީބު ވަރަށް ބޮޑު ކަމަށާއި، ޚާއްސަކޮށް އޯޕަން މުބާރާތަށް މި ފަހަރު ވަރަށް ތަރުހީބު ބޮޑުކަމަށް ސީބީއެމްގެ ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލަކީ ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް ކުޅިވަރު މުބާރާތް ކަމަށާއި، މިއީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ކަލަންޑަރުގައި ހިމެނޭ އެންމެ ބޮޑު އެއް މުބާރާތް ކަމަށް އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކްރިކެޓް ކާނިވަލާ ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވީ، މި އަހަރު ކުރިއަށްދާ ކްރިކެޓް ކާނިވަލަކީ ސީބީއެމްއިން ބާއްވާ 33 ވަނަ މުބާރާތް ކަމަށެވެ. މި އަހަރު އޯޕަން މުބާރާތާއި އޮފީސް މުބާރާތަށްވެސް ތަރުހީބު ވަރަށް ބޮޑު ކަމަށާއި، ޚާއްސަކޮށް އޯޕަން މުބާރާތަށް މި ފަހަރު ވަރަށް ތަރުހީބު ބޮޑުކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އަންދާޒާކުރި ވަރަށް އޮފީސްތަކުންވެސް ބައިވެރިވިކަމަށް ވިދާޅުވިއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ކުރިކެޓް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި، މި ކާނިވަލްގައި ކުޅޭ އެންމެންނަކީ ކޮންމެހެން ޕްރެފެޝަނަލް ކުޅުންތެރިންނަށް ވާން ނުޖެހޭ ކަމަށް ކްރިކެޓް ބޯޑުގެ ރައީސް ވިދާޅުވިއެވެ.

ކުރިކެޓް ކާނިވަލް ބޭއްވުމުގެ މަގްސަދަކީ ކުޅެލަން ބޭނުން ކޮންމެ މީހަކަށްވެސް އައިސް ކުރިކެޓް ކުޅެލަން ފުރުސަތު ހޯދައިދިނުން ކަމަށާއި، އެ މަގްސަދު ވަރަށް ރަނގަޅަށް ހާސިލްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެކި ފެންވަރުގެ ކުޅުންތެރިން ކާނިވަލްގައި ކުޅެމުންދަނީ. އަޅުގަނޑުމެން ރޯދަމަހު މި މުބާރާތް ބާއްވާތީ ވެޓެރަންސްއަށްވެސް ކުރިކެޓް ތެރޭގައި ދެމިތިބުމުގެ އިތުރު ބާރަކަށް ވެގެންދޭ. ކުރިކެޓް ބޯޑަށްވުރެ ބޮޑަށް މުޅި ކުރިކެޓް ކޮމިއުނިޓީން ވަރަށް ބޮޑަށް އިންތިޒާރު ކުރާ އިވެންޓެއް ކާނިވަލަކީ ކޮންމެ އަހަރަކުވެސް. އަޅުގަނޑުމެންގެ ކަލަންޑަރުގެ މައިގަނޑު އެއް އިވެންޓް މީ." ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ރަމަޟާން ކުރިކެޓް ކާނިވަލަކީ އެހެން މުބާރާތްތަކާއި އެއްވަރަށް ފޯކަސް ކުރާ މުބާރާތެކެވެ.

ގިނަ ބަޔަކަށް ފުރުސަތު އޮންނަ މި މުބާރާތުގެ މިއަހަރުގެ ކާމިޔާބީއާއި ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ 12 ޓީމަކުން އޯޕަން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށާއި، 6 ޓީމުން އޮފީސް މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ. 10 ވަރަކަށް ޓީމުން ކޮމްޕެނީ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

އޮފީސް ޓެޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވެފައިވާއިރު، އޮފީސް ޓޭޕްބޯލްގެ ޗެމްޕިއަންކަން، ހަތް ވިކެޓުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހު ހޯދީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިންނެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ޗެމްޕިއަންކަން ހޯދީ ކޭޑީއެމް ބަލިކުރުމަށްފަހު އެމްއޭސީއެލް އެވެ. މިހާރު ކުރިޔަށްދަނީ ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.