ޚަބަރު

ހޮއިލުންޑުގެ ސެލެބްރޭޝަނަކީ ރޮނާލްޑޯއަށް ކުރި މަލާމާތެއް ނޫން!


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޑެންމާކުގެ ރަސްމުސް ހޮއިލުންޑް އުފާފާޅުކުރީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މަލާމާތްކުރުމުގެ ގޮތުން ނޫން ކަމަށް އޭނާ ބުނެފިއެވެ.

ޑެންމާކު ގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް އަތުން މޮޅުވިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ކާމިޔާބު ކޮށްފައިވަނީ ހޮއިލުންޑް އެވެ.

ހޮއިލުންޑް ވަނީ މި ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އާންމުކޮށް ފާހަގަކުރާ ގޮތަށް އޭނާގެ ރަސްމީ "ސޫ" ކޮޕީކޮށް އެ ގޮތަށް އުފާފާޅުކޮށްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ހޮއިލުންޑް ބުނެފައިވަނީ އެއީ ރޮނާލްޑޯއަށް ކުރި މަލާމާތެއް ނޫން ކަމަށެވެ.

"އެއީ އަހަރެން ރޮނާލްޑޯއަށް ކުރި މަލާމާތެއް ނޫން. ރޮނާލްޑޯ އަކީ އަހަރެން ވަރަށް އިހުތިރާމްކުރާ މޮޅު ކުޅުންތެރިއެއް. އަހަރެމެން މި ކުޅުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ދެކޮޅަށް އަދި އެއީ އަހަރެންގެ އައިޑަލް." ހޮއިލުންޑް ބުންޏެވެ.

"ރޮނާލްޑޯގެ ޕޯޗުގަލް ކޮޅަށް ލަނޑު ޖެހުމަކީ ކުޑަ ކަމެއް ނޫން. އަހަރެން ދިޔައިން 2009 ވަނަ އަހަރު ރޮނާލްޑޯގެ މެޗެއް ބަލަން އަދި އެ މެޗުގައި ހިލޭ ޖެހުމަކުން އޭނާ ރީތި ލަނޑެއް ޖެހި. އަދި އެ މެޗަށްފަހު އަހަރެން މިއީ އޭނާގެ ސަޕޯޓަރެއް." ހޮއިލުންޑް އިތުރަށް ބުންޏެވެ.

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ރޮނާލްޑޯ ވަނީ މި މެޗުގައި ފުލްކޮށް ކުޅެފަ އެވެ. މި މެޗުގައި އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.