ޚަބަރު

އުރުގުއޭ އަތުން އާޖެންޓީނާ މޮޅުވެއްޖެ


ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

މި މެޗުން އާޖެންޓީނާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ދެކުނު އެމެރިކާގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އިކުއެޑޯ އަށް 22 ޕޮއިންޓް ލިބިފައިވާއިރު އުރުގުއޭ އަށް ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތަރުވަނައިގަ އެވެ. އަދި ތިންވަނައިގައި އޮތް ބްރެޒިލް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.

އުރުގުއޭ ގައި ކުޅުނު މި މެޗަށް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނުކުޅެ އެވެ. އަދި އެ ޓީމުން ބްރެޒިލް އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް މެސީ ނުކުޅޭނެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލަނޑު ޖަހާނެ ނުރައްކާތެރި ފުރުސަތެއް އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫލިއަން އަލްވަރޭޒް ދިން ޕާހަކުން ތިއާގޯ އަލްމާޑާ އެވެ.

މި މެޗުން މޮޅުވެ އާޖެންޓީނާއަށް ލިބިފައިވާ ތިން ޕޮއިންޓާއެކު ކުރިއަށް އޮތް ބްރެޒިލް މެޗުން އެއްވަރުކޮށްގެން ވެސް އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި އާޖެންޓީނާއަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.