ޚަބަރު

ބައިނަލްއަގުވާމީ ބީޗް ވޮލީ މުބާރާތެއްގެ ޓެކްނިކަލް ޑެލިގޭޓަކަށް ރެފުރީ ހުސެއިން


ބައިނަލްއަގުވާމީ ބީޗް ވޮލީ މުބާރާތެއްގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ ވޮލީބޯޅައިގެ ތަޖުރިބާކާރު ރެފުރީ ހުސެއިން މުޙައްމަދު ހަމަޖައްސައިފިއެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކޮށްފައިވާ ހުސެއިންނަށް ލިބުނު މި ފުރުސަތާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރަމުން ހުސެއިން ބުނީ، އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ގެ ބީޗް ޓުއަރގެ ޓެކްނިކަލް ޑެލިގޭޓްގެ ޒިންމާ އޭނާއާއި ހަވާލުވެފައިވާއިރު މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ޓެކްނިކަލް ޑެލިގޭޓެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.

އޭޕްރީލް 2 ން 5 ށް ފިލިޕީންސްގައި ބާއްވާ އޭވީސީ ބީޗް ޓުއަރ އަށް ހުސެއިން ފުރުމަށް ހަމަޖެހިފައިވަނީ މާޗް 30 ގައެވެ.

ހުސެއިންއަކީ ބޮލީބޯޅައިގެ 32 އަހަރުގެ ތަޖްރިބާ ހުރި ރެފްރީއެއްކަމަށްވާއިރު 2012 ވަނަ އަހަރުން ފެށިގެން ހުސެއިން ހާއްސަވެފައިވަނީ ބީޗް ވޮލީ ބޯޅައަށެވެ. އެންމެ ފުރަތަމަ އިންޑޯ ވޮލީގެ ރެފްރީކަން ކުރަން ފެށި ހުސެއިން ބުނީ މިހާރުވެސް އިންޑޯ ވޮލީގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާ ކަމަށާއި، އެހެންނަމަވެސް އޭނާގެ ހިދުމަތް ބޮޑަށް ލިބޭނީ ބީޗް ވޮލީއަށް ކަމަށެވެ.

ފިލިޕީންސްގައި އޮންނަ އޭވީސީ ބީޗް ޓުއަރގެ ޓެކްނިކަލް ޑެލިގޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ގޮތާއި ގުޅޭ ގޮތުން ހުސެއިން ބުނީ "މިފުރުސަތު ލިބުނީ އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ ތެރެއިން ކަމަށް ގަބޫލުކުރަނީ، ނޮމިނޭޓް ކުރީ އޭވީސީން. ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކު މިހާ ހިސާބަށް އާދެވުނީ" ކަމަށެވެ.

ހުސެއިންއަކީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމާއި، ރެފްރީއެއްގެ ހައިސިއްޔަތުންނާއި ޓެކްނިކަލް ގޮތުންވެސް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރެކެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖެއާއި ސަރަހައްދީ ބީޗް ވޮލީގައި އޭނާގެ ހިދުމަތް ފާހަގަކޮށްލެވެއެވެ.