ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއި އެއްގޮތަށް ޒުވާނުންނަށް ހިތްހަމަޖެހިލައިގެން ބައިބަލާ ކުޅެވޭނެ މައިދާނެއް ސަރުކާރުން ހޯއްދަވައިދެއްވައިފިއެވެ.
ޒުވާނުންނަށް ބައިބަލާ ކުޅޭވޭނެ އިންތިޒާމު ހަމަޖައްސާދީ އެކަމަށް ހާއްސަ މައިދާނެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ގާއިމުކޮށްފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން އުސްފަނގަޑުގައި ބައިބަލާ ކުޅޭ މައިދާން ހެދުމުގެ މަސައްކަތް ފެށީ ބުދަ ދުވަހުގެ ހެނދުނެވެ. އަދި ބުދަދުވަހުގެ ރޭ އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ނިންމާލާފައިވާ ކަމަށާއި މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާއި ގުޅިގެން ކުރެވިގެން ރައީސްގެ އިރުޝާދުގެ މަތިން ހަމަޖެއްސި ތަނެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މިނިސްޓްރީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ އަވަސް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ރައްޔިތުންގެ އަޑު އައްސަވާ ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯއްދަވާ ދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.