ޚަބަރު

ޕޯޗުގަލްގެ ޑިފެންޑަރެއް ގެނައުމަށްފަހު މާޒިޔާއިން ފޯވާޑެއް ހޯދަނީ


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އައު ސީޒަނަށް ޕޯޗުގަލްގެ ޑިފެންޑަރު ލުއިސް އަލްމައިޑާ ގެނެސްފިއެވެ.

ލުއިސް އަލްމައިޑާއަކީ މީގެ ކުރިން އެމެރިކާ ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާޒީޔާއިން ބުނީ އައު ސީޒަނަށް ގެނައި ޕޯޗުގަލްގެ ފޯވާޑް، މާޒިޔާގެ ފަރިތަކުރުންތަކުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައިވެރިވާން ފަށާފައިވާ ކަމަށެވެ.

އައު ސީޒަނަށް އެ ކުލަބުގެ ސްކޮޑް ވަރުގަދަކުރުމާއި ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާއި ހިއްސާކުރަމުން މާޒިޔާއިން ބުނީ އައު ސީޒަނަށް ބޭރުގެ ފޯވާޑެއް ހޯދުމުގެ މަސައްކަތްވެސް އެ ކުލަބުން ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް ގެންނާނީ ކޮންގައުމެއްގެ ފޯވާޑެއްކަމެއް ފައިނަލްކޮށްފައިނުވާ ކަމަށާއި، އެމަސައްކަތް މިހާރު ކުރިޔަށްދާކަމަށް މާޒީޔާއިން ބުނެއެވެ.

އައު ސީޒަނަށް މާޒިޔާއިން ވަނީ މޮޒަންބީކްގެ މިޑްފީލްޑަރ ރިކާޑޯ މޮންޑްލޭންވެސް އެޓީމުގެ ސްކޮޑުގައި ނަގާފައެވެ. 25 އަހަރުގެ މޮޒަންބީކްގެ ޑިފެންސިފް މިޑްފީލްޑަރު ރިކާޑޯއަކީ ކެރިއަރުގެ ބޮޑުބައި ޕޯޗުގަލުގައި ހޭދަކޮށް އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކުލަބު މާޒިޔާއިން އައު ސީޒަނަށް ކުޅުންތެރި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެފްއޭއެމް އިން ވަނީ ޓީމުތަކުގައި ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ގަވާއިދަށް ބަދަލުގެނެސްފައެވެ. އެގޮތުން ކޮންމެ ޓީމަކަށްވެސް ގިނަވެގެން ނެގޭނީ ތިން ބިދޭސީ ކުޅުންތެރިންކަމަށް ކަނޑައަޅާ އެފްއޭއެމް އިން ވަނީ އެކަން ކުލަބުތަކަށް އަންގާފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް ޔަގީންނުވެ އޮތް އިރުވެސް މާޒިޔާއިން ގެންދިޔައީ ފަރިތަކުރުންތައް ބާއްވަމުންނެވެ. އަދި އެފްއޭއެމުން ސީޒަން ހުޅުވާ ތާރީހު ފަސްކުރުމުން ޕްރެކްޓިސްތައް މެދު ކަނޑާލުމަށްފަހު އަލުން މާޒިޔާއިން ވަނީ ތަޖްރިބާކާރު ބޭރުގެ ކޯޗަކާއެކު ފަރިތަކުރުންތައް ފަށާފައެވެ.

އައު ސީޒަނަށް މާޒިޔާއަށް އިރުޝާދު ދެނީ ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު އަދި އޭޝިއާގެ ބައެއް ގައުމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ކާމިޔާބު ކޯޗު ލުއިސްމާ ހެނާންޑޭޒްއެވެ.

މާޒިޔާއަކީ ފަހުގެ ތާރީހުގައި އެންމެ ގިނަ މުބާރާތަކުގެ ތަށި ދިފާއުކުރި ޓީމެވެ. އެގޮތުން 2016, 2019-20, 2020-21, 2022 ގައި މާޒިޔާއިން ވަނީ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ އޭޕްރީލު މަހުގެ އަށްވަނަ ދުވަހު ފަށަން ނިންމާފައިވާއިރު މާޒިޔާއިން އެންމެ އަވަހަށް ކުޅޭނީ ސީޒަން ހުޅުވާ މެޗު، ޗެރިޓީ ޝީލްޑް މެޗުގައި ކުލަބު އީގަލްސް އާއި ދެކޮޅަށެވެ. މާޒިޔާއިން ވަނީ ފަސް ފަހަރެއްގެ މަތިން ޗެރިޓީ ޝީލްޑް ކަޕްގެ އައްޑަނަ އުފުލާލާފައެވެ.