އަތޮޅުތަކުގެ 55 ރަށެއްގައި ޢިމާރާތްކުރާ ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަަށް ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ހިމެނޭގޮތަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވާލަން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. އެ ވުޒާރާއިން މިގޮތަށް ނިންމަވާފައިވާކަން ހާމަކުރެއްވީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބުދަ ދުވަހުގެ ރޭ ބޭއްވި ތަރާވީހުގައި ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ބިންގާ އަޅާފައިވާ ހއ. ރ. އަދި ދ. އަތޮޅުގެ 17 ކައުންސިލް އިދާރާގެ ސިވިލް މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތް ކުރެވޭނީ ކައުންސިލްތައް މެދުވެރިކޮށް، ރަށްރަށުގައި ތިބި މަސައްކަތްތެރިންނަށް ފުރުސަތު ލިބޭގޮތަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކައުންސިލް އިމާރާތްތަކުގެ ސިވިލް މަސައްކަތް އެ ރަށެއްގެ މަސައްކަތްތެރިންނާ ހަވާލުކުރުމުން ރަށްރަށަށް އިގްތިސާދީގޮތުން ކުރިއެރުން ލިބި، ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ. މިއިން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރެވިގެންދާ މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
"55 ކައުންސިލްގެ މަސައްކަތް ކުރިއަށްދާއިރު ސިވިލް މަސައްކަތްތައް އެ ރަށެއްގެ ތިބި މީހުންނަށް މަންފާކުރާނެ ގޮތަކަށް ކުރިއަށްގެންދިއުމުގެ ބޭނުމަކީ މިކަމުގައި ކައުންސިލްތަކުގެ ހިއްސާ އިތުރުކުރުން. ކޮންމެ ރަށެއްގައިވެސް އެ ރަށުގެ ރައްޔިތުން ޝާމިލުވާ މޮނިޓަރިން ކޮމިޓީއެއްވެސް ހިމެނިގެންދާނެ. މީގެ ބޭނުމަކީވެސް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުން،" ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބް "ކްލަބް އެމް.ސީ.އެލް.ޕީ" ން އިންތިޒާމްކޮށްގެން މިނިސްޓްރީގެ މުވައްޒަފުންނަށް ބޭއްވި ތަރާވީޙް އަދި މަދަޙަ މުބާރާތުގެ ތެރެއިން. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު. pic.twitter.com/piurSPY1lK
— Ministry of Cities, Local Government, Public Works (@MoCLPmv) March 19, 2025
ވަޒީރު ވިދާޅުވީ ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށްއޮތް ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރިކުރުމުގެ ތެރެއިން ރަށްރަށުގައި ހިންގާ އުމްރާނީ މަސައްކަތްތަކަކީ މުނިސިޕަލް ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު ނިންމެވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ހއ. ހދ. ށ. އަތޮޅުގައި މިހާރު ނިމިފައި ހުރި ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތްތައްވެސް ނިމެނޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ނުނިމި ހުރި ފެރީ ޓާމިންލަތްކުގެ މަސައްކަތްވެސް އެމްޓީސީސީއާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި ށ. ނ. އަދި މ. އަތޮޅުގައި ޕާކުތައް ތަރައްގީ ކުރުމަށް މަސައްކަތް އަންނަ ހަފުތާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ ކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.