ޚަބަރު

މެންދުރުން ފެށިގެން މީދޫ ޗަސްބިމުގައި ރޯވެ އަނދަނީ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް!


  • އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މެންދުރު 11:45ހާއިރު

  • 50% ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވޭ

އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މީދޫ ޗަސްބިން ނުވަތަ މަތިކިޅި ސަރަހައްދުގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 11:45 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އަދިވެސް އަލިފާން އެއްކޮށް ކޮންޓްރޯލް ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ %50 ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެއްކޮށް އަލިފާން ކޮންޓްރޯލް ކުރުމުގައި ދަތިތައް ދިމާވަނީ އެ ސަރަހައްދަކީ ޗަސްބިން އޮންނަތަނަކަށްވެފައި އަޑީގައި ހިކި ގަސްތަކާއި ފަތްތައް ހުރުމުން ކަމަށާއި ނަމަވެސް މެދުކެނޑުމެއްނެތި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ އިތުރުން އާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިންވެސް މީދޫ ޗަސްބިމުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. ގިނައިން މިފަދަ ހާދިސާތައް ދިމާވަނީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.