ޚަބަރު

އެރިކްސަން މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލަނީ


މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޑެންމާކަށް އުފަން އުމުރުން 33 އަހަރުގެ އެރިކްސަން ޔުނައިޓެޑާ ގުޅިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެނިކޮށް ހިތް ހުއްޓުނު އެރިކްސަން ވަނީ ޔުނައިޓެޑާއި ގުޅުމުގެ ކުރިން ބްރެންޓްފަޑަށް ކުޅެފައެވެ.

ޔުނައިޓެޑަށް މިހާތަނަށް 66 މެޗު ކުޅެދީފައިވާ އެރިކްސަންއަށް މި ސީޒަނުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާއިރު، އޭނާއަށް މި ސީޒަނުގައި ކުޅެވިފައިވަނީ އެންމެ 16 މެޗެވެ.

މި ސީޒަނުގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އެރިކްސަން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ.

"މިހާތަނަށް އެކަމާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ. އެހެންކަމުން އަހަރެން ގަބޫލުކުރާ ގޮތުގައި މި ސީޒަނަށްފަހު ކްލަބަށް އަހަރެންގެ ބޭނުން ނެތީ. އެއީ އަހަރެން ވިސްނާ ގޮތަކީ." އެރިކްސަން ބުންޏެވެ.

"އަހަރެންގެ ވިސްނުމަކީ އިންގްލޭންޑްގެ އިތުރު ކްލަބަކަށް ނުދިއުން އަދި ދާނެ ވަކި ކްލަބެއްވެސް ނިންމާފައެއް ނުވޭ. އަހަރެން ބޭނުންވަނީ އަދިވެސް ޔޫރަޕްގެ ކްލަބަކަށް ކުޅެން" އެރިކްސަން އިތުރަށް ބުންޏެވެ.

ޔުނައިޓެޑާ ގުޅުމުގެ ކުރިން އެރިކްސަން ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ މަސައްކަތް ކޮށްފައެވެ. އަޔަކްސް އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި އެރިކްސަން ވަނީ ޓޮޓްނަމްއަށް ކުރިން ހަތް އަހަރު ކުޅެފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އިޓަލީގެ އިންޓަރ މިލާނަށްވެސް ކުޅެފައެވެ.