ޚަބަރު

އިންޑިއާ އާއި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުތައް ޕީއެސްއެމްއިން ވަގުތުން ގެނެސްދޭނެ


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗާއި، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުތައް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖެއިން އެކުވެރިކަމުގެ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ މާދަމާ އިރުއޮއްސި 18:30 ގައެވެ. މި މެޗު ކުޅޭނީ ޝިލޮންގުގެ ޖަވާހިރުލާލް ނެހެރޫ ސްޓޭޑިއަމުގައެވެ. އޭގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 16:00 ގައި ފިލިޕީންސްގައެވެ.

މި މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ކުޅޭ އިންޑިއާ މެޗުގެ ޕްރީ-ޝޯވ ހަވީރު 17:45 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯގައި ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެނަލިސްޓުން ބައިވެރިވާއިރު، ގައުމީ ޓީމުގެ އެންމެ ފަހުގެ ތަފުސީލުތައް ޕްރީ-ޝޯވ ގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޗުތައް ދިވެހީންނާ ހަމައަށް ވަގުތުން ގެނެސްދިނުމަށްޓަކައި ޕީއެސްއެމްއިން މެޗުތަކުގެ ރައިޓްސް މިހާރު ގަނެފައިވާއިރު، ދިވެހި ކުޅިވަރު ޕްރޮމޯޓުކޮށް، ބެލުންތެރިންނާ ހަމައަށް ކުޅިވަރުގެ ކަންކަން އެންމެ ތާޒާކޮށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ޕީއެސްއެމްގެ މެނޭޖުމަންޓުން މައުލޫމާތުދެއެވެ.