ކުޅިވަރު

އޮފީސް ޓޭޕްބޯލް: ދެވަނަ މެޗުންވެސް މޮޅުވެ ޚާރިޖީ ސެމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޓީމު ޚާރިޖީން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މީގެ ކުރިން ވަނީ ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިފައެވެ. އަދި ކާނިވަލުގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.

އޮފީސް ޓެޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު ޚާރިޖީ ޓީމު ކާމިޔާބުކުރީ މީރާއާ ވާދަކޮށް 29 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޚާރިޖީ ޓީމުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. ޚާރިޖީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަށް ބޯޅައިން 32 ލަނޑު ހެދި އާރިފް ރިޒާއެވެ. ޖަވާބުގައި މިރާއިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ. މިރާއިން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 34 ލަނޑު ހެދި މުޙައްމަދު ޖިނާހު އިބްރާހީމެވެ.

މިއާއެކު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޚާރިޖީ ޓީމު ސެމީއަށް ދިޔައީ ހަތަރު ޕޮއިންޓާއެކުވެ. ގުރޫޕުގައި ދެން އޮތް ދެ ޓީމު މީރާ އާއި ކުލަބު އިމިގްރޭޝަނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބު މޮޅުވީ ހަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ޓީމުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. މި މެޗުގައި ސިފައިންގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 27 ލަނޑު ހެދި އަޙްމަދު އިކުރާމެވެ.

ޖަވާބުގައި ކަސްޓަމްސް ޓީމު ކުޅެންއަރައި ހަތް އޯވަރުގެ ތެރޭގެ ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 109 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. ކަސްޓަމްސްއިން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު އާމިރެވެ.