ދުނިޔެ

އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގެ ދިފާޢު ވަރުގަދަކުރަން ނިންމައިފި


ރަޝިޔާގެ ފަރާތުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ކުރިމަތިވެދާނެކަމަށް ބެލެވޭ ބިރުތަކާ ގުޅިގެން އެޤައުމުތަކުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް ނޭޓޯގެ ސަމިޓުން އެއްބަސްވެއްޖެއެވެ. ނޭޓޯގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށާއި ޕޮލެންޑާއި ރުމޭނިޔާގައި ގާއިމް ކުރުމަށް ނޭޓޯ މަސައްކަތްކުރާ މިސައިލް އައްޑަނައިގެ ނިޒާމު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރުދުވަހު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބޭއްވި ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި 40 ޤައުމެއްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މިސަމިޓުގެ  ނިންމުންތަކުގެ ތެރޭގައި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގެ ދިފާއީ ބާރުތައް ވަރުގަދަކޮށްދިނުމާއި ޕޮލެންޑާއި ރުމޭނިޔާގައި މިސައިލް އައްޑަނައިގެ ނިޒާމު ގާއިމް ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުން ހިމެނެއެވެ. ނޭޓޯގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ރަޝިޔާއާ ދެކޮޅަށް އަސްކަރީ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާކަމަށާ އަދި ރަޝިޔާއާއެކު ހަތިޔާރުގެ ރޭހަކަށް ދާންވެސް ބޭނުންނުވާ ކަމަށެވެ. އަދި ރަޝިޔާއަކީ ބައިނަލްއަގްވާމީ ދުނިޔޭގައި އެކަހެރި ކޮށްލެވޭވަރަށްވުރެ މާބިޔަ އަދި މާ ނުފޫޒުގަދަ ޤައުމެއްކަމަށާ ރަޝިޔާއަކީ ބައިނަލްއަޤްވާމީ އަމަނާއި ސުލްޙަ ގާއިމް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަމަށްވެސް ނޭޓޯގެ ޤައުމުތަކުން އެއްބަސްވެފައިވެއެވެ.

ނޭޓޯގެ ސަމިޓްގެ މަޝްވަރާތައް އެންމެބޮޑަށް އަމާޒުކުރި ދާއިރާތަކުގެ ތެރޭގައި ރަޝިޔާގެ ފަރާތުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ކަމަށް އެޖަމާއަތުން ދެކޭ އަސްކަރީ ބިރުތައް ހިމެނެއެވެ. މިގޮތުން  ޔުކްރޭންގެ ހިނގާ ދާޚިލީ ހަނގުރާމައާއި އެފަދަ ހަނގުރާމައެއް ޔޫރަޕްގެ އެހެން ޤައުމެއްގައި ފެށުނަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތަކާބެހެގޮތުން ފުޅާދާއިރާއެއްގައި ނޭޓޯގެ ލީޑަރުން މަޝްވަރާ ކުރައްވާފައިވެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށާއި ޕޮލެންޑާއި ރުމޭނިޔާގައި ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމު ކުރިޔަށް ގެންދިޔުމަށް ނިންމި ނަމަވެސް އެއީ އެޤައުމުތަކާއި ނޭޓޯގެ އަމިއްލަ ދިފާއަށްޓަކައި ނިންމި ނިންމުންތަކެއް ކަމަށާ އެއީ ރަޝިޔާއާ ކުރިމަތިލުމުގެ ވިސްނުމުގައި ރަޝިޔާއާ ދެކޮޅަށް ނިންމި ނިންމުމެއް ނޫންކަމަށް ނޭޓޯގެ ސަމިޓުން ބުނެފައިވެއެވެ. މިގޮތުން ރަޝިޔާއާއި ނޭޓޯއާ ދެމެދުގައިވާ މައްސަލަތައް ދެފަރާތުން ވާހަކަދައްކައިގެން ސުލްޙަވެރިކަމާއެކު ހައްލުކުރުމަށް ނޭޓޯގެ ސަމިޓުން ބާރުއަޅާފައިވެއެވެ.

ވިލާތުގެ އިއްތިޙާދަށް ބަލާއިރު ނޭޓޯގެ ސަމިޓުން ގޮވާލާފައިވަނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ބޭރުވުމަށް ނިންމި ނިންމުމަށް އިޙްތިރާމްކޮށް އަމާންކަމާއި އޮމާންކަމާއެކީ ޔޫރަޕްގެ އިއްތިޙާދުން ނުކުތުމުގެ ފުރްސަތު އިނގިރޭސިވިލާތަށް ދިނުމަށެވެ. އަދި ޔޫރަޕްގެ އިއްތިޙާދުން އިތުރު ޤައުމެއް ނުނުކުންނާނެ ފަދަގޮތަކަށް އެއިއްތިޙާދުގެ ކަންތައްތައް ބައްޓަންކޮށް އެއިއްތިޙާދު ރޫޅުމުން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައިވެއެވެ. ޓެރަރިޒަމްގެ މައްސަލަތަކަށްބަލާއިރު ނޭޓޯގެ ސަމިޓުން ނިންމާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް އިރާގާއި ސޫރިޔާގައި ކުރެވޭ ހަނގުރާމައިގާ އެޖަމާޢަތުގެ ދައުރާއި ހަރަކާތްތައް ފުޅާކުރުމަށެވެ. މިގޮތުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އިރާގު ސިފައިންނަށް އިތުރު ތަމްރީންތައް ދިނުމަށާއި އަފްޣާނިސްތާނަށް 3 އަހަރު ވަންދެން އަހަރަކު 2 ބިލިޔަން ޑޮލަރުގެ އަސްކަރީ އިތުރު އެހީތައް ދިނުމަށްވެސް ނޭޓޯގެ ސަމިޓުން ނިންމާފައިވެއެވެ. މީގެއިތުރުން ލީބިޔާފަދަ އުތުރު އެފްރިކާގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށާއި ކުދި ކުދި ބޯޓުތަކުގައި ރެފިއުޖީން ވިލާތުގެ ޤައުމުތަކަށް ކުރާ ޣައިރުގާނޫނީ ހިޖްރަ ހުއްޓުވުމަށްޓަކައި ލީބިޔާގެ ކަނޑުގެ އައްސޭރި ފަށަށް އަމާޒުކޮށްގެން ފާރަލުމުގެ ހަރަކާތްތަކެއް ހިންގުމަށްވެސް ނޭޓޯގެ ސަމިޓުން ނިންމާފައިވެއެވެ.