ބާސެލޯނާގެ ފޯވާޑް ޑެނީ އޮލްމޯ، ސްޕެނިޝް ލީގުގައި މި ސީޒަނުގައި ދެވަނަ ފަހަރަށް ރަޖިސްޓަރ ކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.
އޮލްމޯ އާއި ޕައު ވިކްޓަރ ބާސެލޯނާއަށް ކުޅެން ހުއްދަދިނީ ސްޕެއިނުގެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ކޯޓު ކަމަށްވާ ހައި ސްޕޯޓްސް ކައުންސިލުންނެވެ.
އެ ކައުންސިލުން މި ހުއްދަ ދިނީ ސްޕެނިޝް ލީގާއި ސްޕެއިންގެ ފެޑަރޭޝަނުން އެ ދެ ކުޅުންތެރިން ރަޖިސްޓަރ ކުރުވުމުގައި ބާސެލޯނާއިން ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ނިންމައި، ދެ ކުޅުންތެރިން ރަޖިސްޓަރީން އުނިކޮށްފައި އޮއްވައި، އެ އިދާރާއާ ދެކޮޅަށެވެ.
ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލްގެ ރައީސް ޕެރޭޒް ވަނީ ސްޕެނިޝް ސުޕަ ކަޕް ކުޅެން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ސައުދީ އަރަބިއްޔާގައި ތިއްބައި، ހައި ސްޕޯޓްސް ކައުންސިލްގެ ރައީސަށް ފޯނުން ގުޅައި، އެކަމާ މެދު ވާހަކަ ދައްކާފައެވެ. އަދި އެ ކައުންސިލުން ބާސެލޯނާ ކޮޅަށް މައްސަލަ ނިންމި މައިގަނޑު ސަބަބަކީވެސް ޕްރޭޒް އެކަމަށް ބާރު އެޅުމުންނެވެ.
އޮލްމޯ ރަޖިސްޓަރ ކުރަން ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ އެތުލެޓިކޯ މެޑްރިޑާއި، އެތުލެޓިކް ކުލަބު ފަދަ ކުލަބުތަކުން ބާރު އަޅަމުންދިޔައިރު، އެކަމާ އެއްވެސް އެއްޗެއް ރެއާލް މެޑްރިޑުން ނުބުނެ ތިބީ ކީއްވެތޯ ނޫސްވެރިން ކުރިންވެސް ސުވާލު އުފެއްދިއެވެ. ނަމަވެސް އޭރު ރެއާލްއިން މިއިން އެއްވެސް ކަމަކާ މީޑިއާގައިވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.
އޭގެ ފަހުން ބޭއްވި ރެއާލްގެ އާއްމު ޖަލްސާއެއްގައި ޕެރޭޒް ވަނީ ޒަމާނުއްސުރެ ވާދަވެރި ދެ ކުލަބަކީ ހަތުރުން ނޫން ކަމަށް ބުނެފައެވެ. އަދި ކަންކަމުގައި ދެ ފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ސްޕެއިންގެ ނޫސްތަކުން ބުނަނީ ޕެރޭޒްގެ މި ވާހަތަކަކީ ބާސެލޯނާއަށް އޮލްމޯގެ މައްސަލައިގައި ރެއާލްގެ އެހީތެރިކަން އޮތްކަން ދެއްކުމުގެ ގޮތުން އޭނާ ދެއްކި ވާހަކަތަކެއް ކަމަށެވެ.
އޮލްމޯ ރަޖިސްޓަރ ކުރެވުނީ ސުޕަ ކަޕުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިންނެވެ. އަދި އެ މެޗުގެ ކުރިން ޓަނަލްއިން އޮލްމޯ އާއި ޕެރޭޒް ބައްދަލުވެ ދެ މީހުން ވާހަކަ ދައްކައި، އަރަބި ސަލާމް ކުރި ކަމަށްވެސް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ.