ކިންގްޑަމް އޮފް ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޤީލާ އަލީ އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކިންގްޑަމް އޮފް ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ބޭފުޅާކު އައްޔަންކުރެއވުމާމެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ވަނީ މަޖިލީހަށް އިއްވަވާފައެވެ. މި ސިޓީގައި އެދިވަޑައިގެންފައިވަނީ ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް މިވަގުތު ރާއްޖެއިން ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޤީލާ އަލީ އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށެވެ. މި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުއްވޭނީ މަޖިލީހުން ފާސްކުރުމަށްފަހުއެވެ.